"މި މީހާ ވަރުބައްޔެއް ނުވާނެ" މިއީ އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ނިސްބަތްކޮށް އެ މަނިކުފާނުގެ ސަޕޯޓަރުން ވަރަށް ފަޚުރުވެރިކަމާއެކު ބުނާ އެއްވާހަކައެކެވެ.
ރައީސް ނަޝީދަކީ އެމަނިކުފާނުގެ ސިޔާސީ ހަޔާތް ފެއްޓެވި ދުވަހެކޭ ދާދި އެއް ހަމައަކުން މުރާލި ކަމާއެކު ސިޔާސީ މަސައްކަތުގައި ވަރުބަލިކަމެއް ނެތި އުޅުއްވާ ލީޑަރެއްކަން އިންސާފުވެރި ލޮލަކުން ބަލާ ކޮންމެ މީހަކަށް މޭރުންވާނެކަމަށް ދެންނެވުމީ ހުޝާމަދު ކުރުމަކަށް ވެދާނެ ކަމަކަށް ނުދެކެވެ.
ސިޔާސީ ހަޔާތުގައި ކުރިމަތިވި ހިތާމައާއި، އަދި ލިބިލެއްވި ކާމިޔާބީގެ އުފާ ހޯއްދެވީ ގަދަ ހިތްވަރުން ކަމަށް ދެއްނެވޭނެ ޖާގަ އެބައޮތެވެ. ހުރަގޭގައި ކުރެއްވި ހިތްވަރާއި، އަމިއްލަ ވަޒަނަށް ނާދެވި ގައުމުން ބޭރުގައި ހުންނަވައިގެން ލެއްވި ބުންވަރު ހުރީ ތާރީޚްގެ ސަފްހާތަކުގައި ލިޔެވިފައެވެ.
ފުރާނަފުޅަށް އަމާޒުކޮށް ދެވުނު ނުރައްކާތެރި ހަމަލާއަށްފަހު އޭޑީކޭގެ އައިސީޔޫގައި ލޯބިވާ މަންމާފުޅާއި، ބައްޕާފުޅާ ފުރަތަމަ ބައްދަލުވުމުން ވެސް ވިދާޅުވި "މަ ރަނގަޅޭ" ބަސްފުޅު ހިތްމައްޗަށް ގެނައުމުން އެމަނިކުފާނުގެ ހިތްވަރާމެދު ސުވާލު އުފައްދާނެ ޖާގައެއް ނުފެނެއެވެ.
ދެން އޮތީ މިއަދު މިތިބެވުނު ހިސާބުން މިހިރަ އިވެމުންދާ އަޑުތަކާއި، ކިޔާ ރާގުތަކަށް މި މައުލޫގައި ފެން ވިއްސައިލުމެވެ. އަސްތާއެވެ! ހޮނިހިރު ދުވަހު ބޭއްވުނު، ރާއްޖޭގެ އެންމެ ބިޔަ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ރައީސް ނަޝީދު ބަލިވެއްޖެ ކަމަށް ކިޔައި، އެބަލިޔެއެވެ.
އިންތިޚާބު ބޯމަތިވެފައި ވަނިކޮށް މި ފުރަމާލޭގެ ބައިބޯ މަޖީދީ މަގުގައި ދެވުނު ބޮމުގެ ޓެރަރިސްޓް ހަމަލާއަކުން މާތް ﷲ ގެ ގަދަ ކީރިތިވަންތަކަމުން ހަނިގޮތަކަށް އެމަނިކުފާނު ސަލާމަތްވެ ވަޑައިގަތް ހަނދާން މިތާ އައުކޮށްލަމެވެ. އިންތިޚާބު ބައްދަލު ކުރިއިރު އެމަނިކުފާނަށް ހުންނަވަން ޖެހުނީ އާލާސްކަންފުޅަށް އިތުރު ފަރުވާއަށް ލޯބިވާ މިތަނާއި އެތައްހާސް މޭލު ދުރުގައި ބޭރު ކަރައެއްގައެވެ. އިންތިޚާބެއް ކާމިޔާބު ކުރުމަށް އެމަނިކުފާނަށް ކުރިމަތިވި އެތަކެއް ހުރަސްތަކުން މިއީ ފެށުމެވެ. ދެން އޮތް ސިޔާސީ ހާލަތު ކުރެހި ޗާޓެވެ. އެވާހަކަ ކުރުކޮށްލީއެވެ.
އަބަދުވެސް ނިކަން ރައްޔިތުން ފަޅީގައި ހުންނަވާ ކެރިގެން ވަކާލާތު ކުރައްވާ މެންބަރު ބޮންޑޭ ވިދާޅުވިހެން ރައީސް ނަޝީދު އިންތިޚާބަށް ނުކުމެވަޑައިގަތީ ބެންޗް ޓީމާއެކުއެވެ. ނަމަވެސް މައިދާނުގައި ކުޑަވެސް ދުލެއް ނުދެއްވާ އަދިވެސް އެ ހުންނެވީއެވެ.
އިންތިޚާބުގެ ހިސާބު މިތާކު ނުޖަހާނަމެވެ. ސަބަބަކީ އިންތިޚާބުން ވެސް ފެނުނީ ފެން އޮތްތަނަށް މަސް ދުވެފައި ވަނިކޮށެވެ. އެއީ އިންސާނީ ތަބީއަތެވެ. ރައީސް ނަޝީދުގެ ޓެގް އަޅުވައިގެން ސިޔާސީ ގޮތުން ބޮޑެތިވި އެތައް ކުދިންނެއް މިއަދު މާ ނޫންގޮތެއް ދައްކާލި ކަމަށް ފެނުނަސް ވަގުތާއި ހާލަތުން ނަންބަރު ވެއްޓޭނެ ކޮޅެއް ލަފާކޮށްލާކަށްނެތީމެވެ.
ތާހިރު ދިރިއުޅުމެއްގެ ވާހަކައާއި ނިއުޅާގަނެފައި ހުރި އެތައް ހައްގެއްގެ ވާހަކަ ދޫނުދީ އެމަނިކުފާނު ދެއްކެވިއެވެ. މިއަދު ހިތްފަސޭހަ މަންޒިލަށް ދިވެހިން ގެންގޮސްދީފައި މިވަނީ އެފަދަ އެހިތްވަރުން ހިތްވަރު ހޯދައިގެންނެވެ. އެހިސާބަށް ދެވެންދެން އެމަނިކުފާނު ހުންނެވިއެވެ. އަދި ބަރުލަމާނީގެ ވާހަކައަކީ އެމަނިކުފާނު އަދަކު ދައްކަވަންފެށި ވާހަކައެއް ނޫންކަމުން އެކަމަށްވެސް ދޫދެއްވާނެކަމަށް ހިސާބު ޖަހަން އަދިމާއަވަހެވެ.
ރައީސް ނަޝީދުގެ ހަޔާތްޕުޅުން ކުޑަމިންވަރެއް މި މައުލޫއަށް ބޭނުންވާ މިންވަރަށް ހިމަނާލުމުން މި މީހާ ވަރުބަލިވާނެ ކަމަށް ނުފެނެއެވެ. އަދިވެސް ދަންނަވާ ހިތްއޮތީ ރައީސް ނަޝީދުގެ ސަޕޯޓަރުންގެ ބަހެވެ. މި މީހާ ވަރުބައްޔެއް ނުވާނެއެވެ.
3 ކޮމެންޓް
ވަރުބައްޔެއް ނުވާނެ. ބޮއިގެން ހޭބަލިވާނީ.
ވަރުބަލިކޮށް، ރާއްޖެއިން ބޭރު އަރުވާލާފަ ތިހިރީ.
”ތާހިރު ދިރިއުޅުމެއްގެ ވާހަކައާއި ނިއުޅާގަނެފައި ހުރި އެތައް ހައްގެއްގެ ވާހަކަ ދޫނުދީ އެމަނިކުފާނު ދެއްކެވިއެވެ. މިއަދު ހިތްފަސޭހަ މަންޒިލަށް ދިވެހިން ގެންގޮސްދީފައި މިވަނީ އެފަދަ އެހިތްވަރުން ހިތްވަރު ހޯދައިގެންނެވެ.“
ދިވެހިންގެންގޮސްދީފައި މިވަނީ ވަރަށް ހިތްފަސޭހަ މަންޒިލަކަށޭ.
މިއޮތީ އިންޑިއާގެ އަޅަކަށް މިގައުމު ހަދާފައޭ. އަދިވެެސް ހޭއަރާކަށް ނުވޭތަ. ތީމިގައުމަށްފާވި ބޮޑުއާފާތެއް.