Close

މަހުޖަނުން އިތުރަށް މުއްސަނދިވި ވަނީ!

ވޭތުވެދިޔަ 12 މަސްދުވަހަކީ، ދުނިޔެ ނުދެކޭހާ ޙާލުގައި ގިނަ ބަޔަކު ދިރިއުޅެމުންއައި 12 މަސްދުވަހެވެ. ކޯވިޑް-19ގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރުނުއިރު، ފަޤީރުންގެ ނިޞްބަތް އިތުރުވެ، ގިނަ ބަޔަކުވަނީ އިތުރަށް ބިކަވެފައެވެ.

ނަމަވެސް، މި ލިޔުމުގައި ބަލާލަން މިއުޅެނީ ފަޤީރުންނަކަށް ނޫނެވެ. 2020 ވަނަ އަހަރަކީ، ދުނިޔޭގެ މަޝްހޫރު ގިނަ ބިލިޔަނަރުން އިތުރަށް މުއްސަނދިވި އަހަރެކެވެ.

ދުނިޔޭގައި މި ވަގުތު އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ 10 ފަރާތުންވަނީ ވޭދުވެދިޔަ އަހަރުގެ ތެރޭގައި 347 ބިލިއަން ޑޮލަރު އެ މީހުންގެ އަމިއްލަ މިލްކިއްޔާތަށް އިތުރުކޮށްފައެވެ. މިއީ، ދުނިޔޭގެ މަޝްހޫރު ބޮޑު 2 ކުންފުނި ކަމަށްވާ ކޮކާ ކޯލާ އަދި ސްނެޕް ގެ މުޅި މިލްކިއްޔާތަށްވުރެވެސް ގިނަ ޢަދަދެކެވެ. މީގެ ތެރެއިންވެސް 270 ބިލިޔަން ޑޮލަރަކީ މި ލިސްޓުގެ އެންމެ މަތީގައި ތިބި 5 މީހުންގެ މިލްކެކެވެ.

މި ލިޔުމުގައި އަލިއަޅުވާލާނީ މިދިޔަ 2020 ވަނަ އަހަރުގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ ބިލިޔަނަރުންނަށެވެ.

ޖެފް ބޭޒޯސް

2020 ވަނަ އަހަރުގެ ތެރޭގައި ސްޓޮކްތަކުން އެއްކުރެވިފައިވާ ލާރިއާއި އެކު، ބޭޒޯސްވަނީ ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަޤާމުގައި ހަމަޖެހިލާފައެވެ.

އެމޭޒަންގެ ވެރިޔާ ބޭޒޯސް ވަނީ 2020 ވަނަ އަހަރު ހަމައެކަނި ސްޓޮކް ސޭލްސްތަކުން 10 ބިލިއަން ޑޮލަރު ހޯދާފައެވެ. އޭނާގެ މުޅި މިލްކިއްޔާތު އެމޭޒަންގެ ލާރިއާއިއެކު ވަނީ 70 ބިލިއަން ޑޮލަރުގެ ކުރިއެރުމެއް ހޯދާފައެވެ. ލަފާކުރެވޭ ގޮތުގައި ގޭގޭގައި މި2020 ވަނަ އަހަރު ފުރަބަންދުގައި ތިބި ގިނަ ބަޔަކު ވަނީ އެމޭޒަންއިން ގިނަ ވިޔަފާރިތަކެއް ކޮށްފައެވެ.

މި ވަގުތު ބޭޒޯސްގެ މިލްކިއްޔާތުގައި 190.3 ބިލިޔަން ޑޮލަރު ހުރި އިރު، މިދިޔަ އޯގަސްޓްމަހު އޭނާގެ މިލްކިއްޔާތުގައި ހުރީ 200 ބިލިޔަން ޑޮލަރެވެ. މިއީ ދުނިޔޭގެ ބިލިޔަނަރެއްގެ އަތުގައި މި ޢަދަދަށް ފައިސާހުރި ފުރަތަމަ ފަހަރެވެ.

އީލޯން މަސްކް

މިދިޔައަހަރަކީ ޓެސްލާގެ ވެރިޔާ އީލޯން މަސްކްއަށް ވަރަށްވެސް ކާމިޔާބު އަހަރެކެވެ. މަސްކްގެ އަހަރު އޭނާ ފަށާފައިވަނީ މިލްކިއްޔާތުގައި 30 ބިލިއަން ޑޮލަރާއި އެކީގައެވެ. ނަމަވެސް، އަހަރު ނިމުނުއިރު، އޭނާގެ މިލްކިއްޔާތުގައި 169.7 ބިލިޔަން ޑޮލަރު ހުންނާނެ ކަމަށް ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.

މަސްކްގެ މިލްކިއްޔާތަށް މިއައި ބޮޑު ބަދަލާއި އެކު، އޭނާ ވަނީ ދުނިޔޭގެ މުއްސަނދިންގެ ލިސްޓުގެ 2 ވަނައަށް އަރާފައެވެ. މި ލިސްޓުގައި 2019 ވަނަ އަހަރު މަސްކުގެ ރޭންކިންގް އުޅެނީ 30 ވަނައަށް ވުރެ ދަށުގައި ކަން ފާހަގަކޮށްލެވެއެވެ. އަދި 2019 ވަނަ އަހަރުގެ މެދުތެރޭގައި މަސްކުގެ މިލްކިއްޔާތުގައި ހުންނާނެކަމަށް ބެލެވެނީ އެންމެ 24.6 ބިލިޔަން ޑޮލަރުކަމަށްވެސް ލަފާކުރެވެއެވެ.

މަސްކްއަކީ މި ވަގުތު ދުނިޔެއަށް މަޝްހޫރު ޓެސްލާ ކުންފުނީގެ 20% ހިއްސާގެ ވެރިޔާއެވެ. އަދި 2018 ވަނަ އަހަރު އޭނާއަށް ސްޓޮކް ތަކުން ލިބޭނެކަމަށް ލަފާކުރެވޭ ޢަދަދާއި އެކު، އެނާގެ މިލްކިއްޔާތު މިއަށްވުރެ އިތުރުވެގެންދާނެ ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ.

ބިލް ގޭޓްސް

މީގެ ކުރިން ދުނިޔޭގެ 1 ވަނައަށް އެންމެ މުއްސަނދި މީހާ ބިލް ގޭޓްސް ވަނީ މި ލިސްޓުގެ 3 ވަނަ އަށް ވެއްޓިފައެވެ.

އީލޯން މަސްކްގެ މުއްސަނދިކަން އިތުރުވުމާއި، އަދި ހަމައެހެންމެ ކުރިން މައިކްރޯސޮފްޓްގެ ވެރިޔާ މިހާރު ހިލޭ ސާބަހަކަށް މަސައްކަތް ކުރުމުގެ ނަތީޖާއަކަށް ވެގެންގޮސްފައިވަނީ، އޭނާ މި ލިސްޓުގެ 3 ވަނަ އަށް ވެއްޓުމެވެ.

ނަމަވެސް، ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި އޭނާގެ މިލްކިއްޔާތަަށްވެސް ވަނީ 18 ބިލިއަން ޑޮލަރު ވަދެފައެވެ. އަދި މި ވަގުތު އޭނާގެ މިލްކިއްޔާތުގައި 131.7 ބިލިޔަން ޑޮލަރު ހުންނާނެ ކަމަށް ލަފާކުރެވެއެވެ.

 

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top