ބ. ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫޢު ބާތިލުކުރި ނަމަވެސް، އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި ބަނދަރުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ދޮންފަނުން 13 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ނިންމާފައިވަނީ ދާދި މިދިޔަ މަހު ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައެވެ. ނަމަވެސް މި މަޝްރޫޢުއާ ދެކޮޅަށް ގިނަ ބަޔަކު އަޑުއުފުލަމުން ދިޔުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި މަޝްރޫޢު ބާތިލުކުރައްވާފައެވެ.
https://x.com/MMuizzu/status/1965285775425356007
މިނިސްޓަރު މުއްތަލިބު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ނުގެންދިޔަ ނަމަވެސް، އެ ރަށުގެ ބަނދަރުގެ މައްސަލަ ހައްލުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށެވެ.
https://x.com/muththo/status/1965292078180827244
ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫޢުއާ ދެކޮޅަށް ގިނަ ބަޔަކު ދެކޮޅު ހަދަމުންދަނީ، އެ ރަށުގެ ބިން ހިއްކައިފިނަމަ ހަނިފަރު ބޭއަށް ލިބިދާނެ ގެއްލުމަކަށް ކަންބޮޑުވެއެވެ. މި މަޝްރޫޢު ހުއްޓާލުމަށް ގޮވާލައި ފެށި ޕެޓިޝަނެއްގައި މިހާތަނަށް 5،000 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ.
އެހެންނަމަވެސް، ރައީސް މުއިއްޒުގެ މި ނިންމެވުމާ ގުޅިގެން ދޮންފަނު ރައްޔިތުންގެ ތެރެއިން ބަޔަކު މިހާރު އަންނަނީ މުޒާހަރާކުރަމުންނެވެ. ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ރައްޔިތުން މިހާރު އެކަން ބޭނުން ނުވާކަމަށް މަޢުލޫމާތު ލިބިފައިވާތީ، ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ނުގެންދާނެ ކަމަށެވެ.







