2023 ގެ އިންތިހާބަށް ފަހު ސިޔާސީ ކަންކަމާ ވަރަށް ދުރުގައި ހުރީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ މަތީފަޑިން ކަންކޮށްފައިވާގޮތުން ފޫހިވެފަ ހުރިލެއް ބޮޑުކަމުން ކަމަށް އެ ސަރުކާރުގެ ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަން ދެ ދައުރަކު ކުރައްވާފައިވާ މަހްލޫފް ޕީއެންސީ އަށް ސޮއިކުރެއްވީ ރޭ ކުރިއަށްދިޔަ ޕީއެންސީގެ ''ދިވެހީންގެ ރާއްޖެ'' ޖަލްސާގައެވެ. މަހްލޫފް ޕީއެންސީ އަށް ސޮއިކުރެއްވި ފޯމާއި ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އެމްޑީޕީގައި 10 އަހަރަށްވުރެ ގިނަ ދުވަހު ހުންނެވުމަށްފަހު، އެ ޕާޓީން ވަކިވެވަޑައިގަތުމާއިއެކު، އިދިކޮޅު އެމްޑީޕީގެ ބައެއް ފަރާތްތަކުން މަޙްލޫފަށް ފާޑުކިޔައި ފުރައްސާރަކުރަމުންދާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މި ފާޑުކިޔުންތަކަށް ރައްދު ދެއްވައި ސޯޝަލް މީޑިއާގައި މަޙްލޫފް ހިއްސާކުރެއްވި ދިގު މެސެޖެއްގައި ވިދާޅުވެފައިވަނީ، ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިވީ މިއީ ފުރަތަމަ ފަހަރު ކަމަށާއި، އަދި އެނބުރި މިދިޔައީ ހަމަ ކުރީގެ ސިޔާސީ ފިކުރުގެ ތެރެއަށް ކަމަށެވެ. ''ބަދަލުވެފަ އޮތީ ހަމައެކަނި ޕާޓީގެ ނަމެވެ،'' މަޙްލޫފް ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ސިޔާސީ މަސައްކަތް ފެށީ 2005 ގައި ރައީސް މައުމޫން އުފެއްދެވި ޑީއާރުޕީންނެވެ. އެއަށްފަހު ޕީޕީއެމް އުފެއްދި ފައުންޑަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވިއެވެ. ޕީޕީއެމް އިން 2014 ގައި ވަކިކުރުމަށްފަހު، 2018 ގައި އިދިކޮޅު އިއްތިހާދާއެކު މަސައްކަތްކުރުމަށްފަހު އެމްޑީޕީއާ ގުޅުނެވެ.
އެމްޑީޕީގެ ތެރޭގައި އޭނާއަށް މެންބަރުންގެ ބޮޑު ތާއީދެއް ލިބުނުކަން ފާހަގަކުރައްވައި މަޙްލޫފް ވިދާޅުވީ، ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުން ހުއްޓުވަން ގަރާރެއް ފާސްކުރި ނަމަވެސް، ފަހުން ކޯޓަށް މައްސަލަ ވެއްދުމުން ވާދަކުރުމުގެ ފުރުސަތު ލިބި، ވޯޓުލުމުގެ ހައްގު ލިބިފައިވާ މެންބަރުންގެ ތެރެއިން އެންމެ މަތީ އަގުލަބިއްޔަތުން އޭނާ އިންތިހާބުކޮށްދިން ކަމަށެވެ. ނަމަވެސް، ''މަތިފަޑީގައި ކަންކަން ހިނގަނީ އެހެނަކުންނޫނެވެ. އަޅުގަނޑު ވަކިވުމުން ވަރަަށް އުފާވާނެ ބަޔަކު މަތިފަޑީގައި ތިބޭނެކަން ކަށަވަރެވެ،'' މަޙްލޫފް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ނިމިދިޔަ ސަރުކާރުގައި މަގާމެއް ހައްގުވާނަމަ އެންމެ ފުރަތަމަ ގުނާ އެކަކަށް އޭނާ ވާނެކަމަށާއި، އެއީ ތަބަކަށް ލާފައި ދިން މަގާމެއް ނޫން ކަމަށެވެ.
ޕީއެންސީއަށް ގުޅިވަޑައިގަތުމުން ރައީސް ޑރ. މުޢިއްޒު އަދި ޕާޓީގެ އެންމެހާ މެންބަރުން ދެއްވި ހޫނު މަރުހަބާއަށް ޝުކުރު ދަންނަވައި މަޙްލޫފް ވިދާޅުވީ، އޭނާގެ މަސައްކަތް ބަލައިގަނެ އަގުވަޒަންކޮށް ދައުވަތު ދެއްވީތީ ވަރަށް އުފާކުރާ ކަމަށެވެ. އަދި ރާއްޖޭގެ ތާރީހުގައި ބޭއްވުނު އެންމެ ބޮޑު ސިޔާސީ އެއްވުމުގައި ސޮއިކޮށްލަން ލިބުމަކީ އިތުރު އުފަލެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މަޙްލޫފް ވަނީ އޭނާގެ މި ނިންމުމާއެކު ހިތްހަމަ ނުޖެހުނު ފަރާތްތަކުން މައާފަށް އެދިފައެވެ.







