Close

ތައުލީމީ ސެޓްފިކެޓުތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހޭނީ ހަމައެކަނި އެމްކިއުއޭއިން

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)އިން ދޫކުރާ ސެޓްފިކެޓްތަކުގައި ހަމައެކަނި އެތަނުން އެޓެސްޓުކުރާ ނުވަތަ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާގޮތަށް އާ އުސޫލެއް އެކުލަވާލައިފިއެވެ.

އެމްކިއުއޭއިން މި އުސޫލު އެކުލަވާލުމުގެ މައިގަނޑު މަގުސަދަކީ، އެ އޮތޯރިޓީން ދޫކޮށްފައިވާ އެކި ލިޔުންތަކުގެ ކޮޕީގައި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖެހުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައަޅައި، އިޖުރާއަތްތައް އެކުލަވާލުމެވެ. އަދި މި ލިޔުންތަކުގެ ސައްހަކަން ފަސޭހައިން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކުރުމެވެ.

މި އުސޫލުގެ ދަށުން، އެމްކިއުއޭއިން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީގައި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހަން ހުށަހަޅަންޖެހޭނީ ސީދާ އެމްކިއުއޭއަށެވެ. އަދި ފޯމު ހުށަހަޅާތާ ތިން ދުވަހުގެ ތެރޭގައި ތައްގަނޑު ޖަހައިދޭނެއެވެ. މިއީ މިހާތަނަށް ގާނޫނީ ވަކީލުން މެދުވެރިކޮށް ކުރަމުން އައި މަސައްކަތެކެވެ.

އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިދޭ ލިޔުންތަކުގެ ތެރޭގައި ވެލިޑޭޓުކޮށްދޭ ސަނަދުތަކުގެ ކޮޕީ، އެސެސްމަންޓު ރިޕޯޓު ކޮޕީ، ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް ލިޔުމުގެ ކޮޕީ އަދި ރާއްޖޭން ބޭރުގެ ފަރާތްތަކުގެ ސަނަދު ގަބޫލުކުރުމަށް ފަހު ދޫކުރާ ލިޔުންތައް ހިމެނެއެވެ.

މި ޚިދުމަތަށް އެމްކިއުއޭއިން ފީއެއް ނަގާނެއެވެ. އެގޮތުން ވެލިޑޭޓުކޮށްދޭ ސަނަދު، އެސެސްމަންޓް ރިޕޯޓު އަދި އިންޓެންޑެޑް ލެޓަރުގެ ކޮޕީގެ ކޮންމެ ސަފުހާއަކަށް 10 ރުފިޔާ، އަދި ރާއްޖޭން ބޭރުގެ ފަރާތްތަކުގެ ސަނަދުތައް ގަބޫލުކުރުމަށް ފަހު ދޫކުރާ ލިޔުމުގެ ކޮންމެ ސަފުހާއަކަށް 20 ރުފިޔާ ނެގޭނެއެވެ.

މި އުސޫލު އެކުލަވާލުމުގެ އެއް ސަބަބަކީ ވަގު ސެޓްފިކެޓް ހުށަހެޅުމުގެ މައްސަލަ އިތުރުވެފައިވުމެވެ. އެމްކިއުއޭއިން ފާހަގަކުރި ގޮތުގައި ފަހަކަށް އައިސް ސައްހަ ނޫން ބެޗްލާސް ޑިގްރީއާއި ދެ މާސްޓާސް ޑިގްރީ ސެޓްފިކެޓް ހުށަހެޅި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top