ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޤަޠަރަށް ފުރާވަޑައިގެންފިއެވެ. މި ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.
މި ސަމިޓަކީ މި މަހުގެ 9 ވަނަ ދުވަހު ޤަޠަރުގެ ވެރިރަށް ދޯހާއަށް އިޒްރޭލުން ދިން ޙަމަލާއާ ގުޅިގެން ބާއްވާ ސަމިޓެކެވެ. މި ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ބަޔާނެއް އިއްވަވާނެ ކަމަށް ވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ސަމިޓްގައި ބައިވެރިވެވަޑައިގަތުމުން ދިވެހިރާއްޖެއާއި ޤަޠަރާ ދެމެދު އޮތް ގާތް ގުޅުމާއި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތް ރަމްޒުކޮށްދެއެވެ. އަދި އިޒްރޭލުން ފަލަސްޠީނުގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢު ގުޅިގެން މަސައްކަތްކުރުމަށް ރާއްޖެއިން ގޮވާލަމުންދާ ގޮވާލުމަށް މިކަމުން އިތުރު ބާރެއް ލިބިގެންދާނެއެވެ.
މި ދަނޑިވަޅުގައި ބޭއްވޭ މި ސަމިޓަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ މެންބަރު ޤައުމުތަކުގެ އިސްވެރިން އެއްތަނަކަށް އެއްވެ، މުސްލިމު އުއްމަތުގެ އަޑު އެއް އަޑަކުން އުފުލުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ. މީގެއިތުރުން، ސަރަޙައްދީ އަމަންއަމާންކަން ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިވެގެންދާނެ މުހިންމު ބައްދަލުވުމެކެވެ.







