އަރަބި އިސްލާމީ ގައުމުތަކުގެ ކުއްލި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް މިއަދު ގަތަރަށް ވަނީ ފުރާވަޑައިގެންފައެވެ.
ގަތަރުން އިންތިޒާމުކޮށްގެން ބާއްވާ މި ބައްދަލުވުމަކީ ޔަހޫދީން ގަތަރަށް ދިން ހަމަލާތަކާއި، ފަލަސްތީނުގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އަރަބި އަދި އިސްލާމީ ގައުމުތަކުގެ ޚާރިޖީ ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ދަތުރުފުޅާ ގުޅޭގޮތުން މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެފައިވަނީ، "މި ސަމިޓުގައި ވަރަށް މުހިންމު މަޝްވަރާތަކެއް ކުރެވޭނެ" ކަމަށެވެ. އޭގެ ތެރޭގައި ގަތަރަށް ޔަހޫދީން ދިން ހަމަލާތަކާއި، ފަލަސްތީނުގައި ޔަހޫދީން ހިންގާ ޖަރީމާތަކާއި، ސަރަހައްދީ ހަމަޖެހުމަށް އޮތް ހުރަސްތަކާ ގުޅޭ މަޝްވަރާތައް ހިމެނެއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނީ ގަތަރާއި ފަލަސްތީނުގެ ރައްޔިތުންނާއެކުގައެވެ. އަދި ޔަހޫދީން އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ މަސައްކަތުގައިވެސް ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުމުގައި ކުރެވޭ މަޝްވަރާތަކުން، ސަރަހައްދުގެ ހަމަޖެހުމަށާއި ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ހިތާމަވެރި ހާލަތަށް ހައްލެއް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.







