މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ އޮގަސްޓް މަހު އާމްދަނީގެ ގޮތުގައި 2.12 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 6.9 ޕަސެންޓް އިތުރު އަދަދެކެވެ.
މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ އޮގަސްޓް މަހު ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ 3.1 ޕަސެންޓް އިތުރަށް އާމްދަނީ ލިބިފައިވެއެވެ. މި އިތުރުވުން އައިސްފައިވަނީ މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް (ޓީޖީއެސްޓީ) އާއި ގްރީން ޓެކްސްގެ އާމްދަނީ އިތުރުވުމުގެ ސަބަބުންނެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީވެސް މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވެފައިވެއެވެ. މި އިތުރުވުމަށް މައިގަނޑު ގޮތެއްގައި ހިއްސާކޮށްފައިވަނީ މިއަހަރުގެ އޮގަސްޓް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 11.5 ޕަސެންޓް އިތުރުވެފައިވުމާއި، މިއަހަރުގެ ޖެނުއަރީން ފެށިގެން ގްރީން ޓެކްސް އަދި މިދިޔަ އަހަރުގެ ޑިސެމްބަރުން ފެށިގެން އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ބޮޑުކުރުމެވެ.
މީރާއަށް އޮގަސްޓް މަހު ލިބުނު ޖުމްލަ އާމްދަނީގެ 54.7 ޕަސެންޓް ހިއްސާކުރަނީ ޖީއެސްޓީއެވެ. މިގޮތުން ޖީއެސްޓީގެ ގޮތުގައި 1.16 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 240.6 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ޖުމްލަ އާމްދަނީގެ 11.4 ޕަސެންޓެވެ.
މީގެއިތުރުން، ގްރީން ޓެކުހުގެ ގޮތުގައި 191.2 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 165.0 މިލިއަން ރުފިޔާ އަދި ޑިޕާޗަރ ޓެކުހުގެ ގޮތުގައި 162.5 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ހާމަކޮށްފައިވެއެވެ. އަދި މިދިޔަ އޮގަސްޓް މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 89.04 މިލިއަން ޑޮލަރު ހިމެނޭކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.







