ރުޅި މަޑުކުުރުމަކީ އިސްލާމްދީނުގައި މުހިންމު ކަމަކަށްނުވާނަމަ އޭގެ ޖަޒާއަކީ ސުވަރުގެ ކަމުގައި ނުވީސް ކަމަށް މިއަދުގެ ހުކުުރ ޚުތުބާގައި ބުނެފިއެވެ.
“ރުޅިމަޑުކުރުން” މިމައުޟޫއަށް ދިން މިއަދުގެ ހުކުރު ޚުތުބާގައި ބުނެފައިވަނީ ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ ބަސްފުޅުތަކުން ރުޅިމަޑުކުރުމަށާއި، ރުޅިވެރިކަން އުފެދިދާނެ ސަބަބުތަކުން ދުރުހެލިވުމަށް ގޮވައިލައއްވައިފައިވާ ކަމަށެވެ.
ރުޅި މަޑުކުރުން މިހާ މުހިއްމު ކަމަކަށް ނުވާނަމަ، އޭގެ ޖަޒާއަކަށް ސުވަރުގެ ނުވީހެވެ. ރުޅި މަޑުކުރާ މީހުންނަށާއި، އިޙްސާންތެރީންނަށް ހުރި ދަރަޖަ ބަޔާން ކުރައްވައިފައިވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މިއަދުގެ ހުކުުރު ޚުތުބާގައި ބުނެފައިވަނީ މިއަދު އަޅުގަނޑުމެންގެ ތެރެއިން، ރުޅި މަޑުކަމުގެ ރީތި ނަމޫނާތަކެއް ނުފެންނަ ކަމަށާއި، ފެންނަނީ ބަދަލުހިފުމުގެ ރޫޙުކަމަށެވެ.
ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ބަޔާންކޮށް ދެއްވާފައިވާ ގޮތުގައި، ރުޅިއަކީ ޝައިޠާނާ އިންސާނާގެ ހަށިގަނޑު ތެރެއަށް އުކާ އަލިފާނުގެ އަނގުރުތަކެއް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.
“އެހެންވެ ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ ޞަޙާބީންނަށް ވަޞިއްޔަތް ކުރައްވާފައި ވަނީ، "ތިޔަ ބޭކަލުން ކޯފާ އިސް ނުކުރައްވާށެވެ! ތިޔަ ބޭކަލުން ކޯފާ އިސް ނުކުރައްވާށެވެ!" މިފަދައިން” ޚުތުބާގައި ބުނެފައިވެއެވެ.
ޝައިޠާނާ އަބަދު ވެސް މަސައްކަތް ކުރާނީ އިންސާނާ ރުޅިއަރުވައިގެން އޭނާ ލައްވައި، ކުށް ފާފަތައް ކުރުވަން ކަމަށާއި އަދި އެއީ މިއަދު އިންސާނާ ކުރާ ޢަމަލުތަކަށް ޤިޔާމަތް ދުވަހު ޖަވާބުދާރީ ވާން ޖެހޭނެތީ ކަމަށްވެސް ޚުތުބާގައި ފާހަގަ ކުރެއްވިއެވެ.
އިސްލާމީ އުއްމަތުގެ މާޒީ އޮތީ ރުޅި އިސްނުކުރާ، ޙިލްމުވެރި އުއްމަތެއްގެ ގޮތުގައި ކަމަށާއި، އުއްމަތުގެ އަފްރާދުން މަސައްކަތް ކޮށްފައި ވަނީ، އުއްމަތް ބިނާކޮށް، އާރާސްތު ކުރުމަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
“ކީރިތިރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް އަކީ، އެކަލޭގެފާނުގެ ޝަޚްޞީ އެއްވެސް ކަމެއްގައި، ކޯފާ އިސްކުރެއްވި ބޭކަލެއްނޫން، މާތް ﷲ އެކަލޭގެފާނު ފޮނުއްވާފައިވަނީ، ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި، އެހެނަސް އެކަލޭގެފާނަކީ، ﷲގެ ޙުރްމަތަކަށް އަރައިގަނެވޭ ހިނދު، ކޯފާ ގަދަ ބޭކަލެއް” ޚުތުބާގައި ބުނެފައިވެއެވެ.
މިއަދުގެ ޚުތުބާގައި ބުނެފައިވަނީ މުސްލިމުން ނަމޫނާއަކަށް ބަލަންޖެހެނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ކަމަށެވެ. އަދި މުސްލިމުން އަމިއްލަ ޝަޙްސީ ކަންކަމުގައި ރުޅިއައިސްގެން ނުވާނެ ކަމަށާއި މުސްލިމުން އަވަދިނެތި އުޅެންޖެހޭނީ އިސްލާމް ދީނަށް ޓަކައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މީގެ އިތުުރުން ދުނިޔެއަކީ އެއަށްޓަކައި އަރާރުން ވާންޖެހޭ ވަރުގެ އަގުހުރި ތަނެއް ނޫން ކަމަށާއި، ﷲ ގެ ޙަޟްރަތުގައި، އެއީ މަދިރިއެއްގެ ފިޔައަކަށްވުރެ އަގު ދަށް ތަނެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.






