ރައްޔިތުންގެ މަޖިލީހުން އިއްޔެ ރުހުން ނުދިން ތިން ވަޒީރުން އަނެއްކާވެސް ކުރިން ތިއްބެވި މަޤާމަށް އައްޔަނު ކުރައްވައިފިއެވެ.
އެގޮތުން ރައީސް ޑރ މުޙައްމަދު މުޢިއްޒުވަނީ މަޖިލީހުން ރުހުން ނުދިން އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާގެ ވަޒީރު ކަމަށް ކުރިންވެސް އެމަޤާމުގައި ހުންނެވި ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އައްޔަނު ކުރައްވައިފައެވެ.
މީގެއިތުރުން މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްކަމުގެ މަޤާމަށް ޢައްޔަންކުރެއްވީ ކުރިން އެމަޤާމުގައި ހުންނެވި ޑރ ޢަލީ ޙައިދަރު އަޙްމަދެވެ.
އަދި އެޓާނީ ޖެނެރަލްގެ މަޤާމަށް އައްޔަނު ކުރައްވައިފައިވަނީ ކުރިންވެސް އެމަޤާމުގައި ހުންނެވި އަލްއުސްތާޒް އަޙްމަދު އުޝާމެވެ.
މިބޭފުޅުން އިއްޔެ ވަނީ މަޤާމުގެ ހުވައި ވެސް ކުރައްވައިފައެވެ. މަޤާމުގެ ހުވާ ކުރައްވައިފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު ޙުސްނުއް ސުޢޫދުގެ ކުރިފުޅުމަތީގައެވެ. ހުވައި ކުރެއްވުމަށްފަހު، އެ ބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ސޮއިކުރައްވަވައިފައެވެ.






