ކުރިއަށް އޮތް ރައްޔިތުންގެ މަޖލިީހުގެ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
މިކަން ހާމަކުރައްވައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ޙަބީބް ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އަށް ކުރިމަތިލާ މީހުންނަށް، އިލެކްޝަންސް ކޮމިޝަނުން، މިއަދު އެ ފުރުސަތު ހުޅުވާލައި، އެކަން ޢާންމުކޮށް އިޢުލާން ކޮށްފި ކަމަށެވެ.
“2024 ޖެނުއަރީ 30 ވަނަ ދުވަހުން ފެށިގެން، ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހާ ހަމަޔަށް، އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި، އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ ހެނދުނު 9:00ން މެންދުރުފަހު 2:00އަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި” ޙަބީބް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ހުކުރު ދުވަހު މެންދުރުފަހު 2:00ން ހަވީރު 4:00އަށް ވެސް ފޯމު ހުށައެޅޭނެ ކަމަށް ޙަބީބް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ފައިސާ ބަލައިގަންނާނީ ހަމައެކަނި ޕީއޯއެސް މެޝިން ބޭނުންކޮށްގެން ކޭޝް ކާޑުން ކަމަށާއި ނަގުދު ފައިސާ ބަލައި ނުގަންނާނެ ކަމަށްވެސް ޙަބީބް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ކޮމިޝަނުން ކަނޑައަޅާފައިވަނީ 2024 މާރިޗް 17 ވާ އާދީއްތަ ދުވަހު ކަމަށާއި އެހެންނަމަވެސް، އިންތިހާބުތަކާ ބެހޭ ޢާންމު ގާނޫނަށް ގެނެވޭ ބަދަލަކުން، އިންތިހާބުގެ ތާރީޚަށް ބަދަލެއް ގެނައުމަށް ލާޒިމް ވެއްޖެ ހިނދެއްގައި، އެކަން އެގޮތަށް ވުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ޙަބީބް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ޢަމަލުކުރަނީ ޤާނޫނުގައިވާ ގޮތުގެމަތިން ކަމަށް ޙަބީބް ވިދާޅުވިއެވެ. އަދި ޤާނޫނަށް ގެނެވޭ ބަދަލަކުން އިންތިޚާބު ބާއްވާ ތާރީޚު ފަސްކުރަން ޖެހިއްޖެނަމަ، އީސީ އޮންނާނީ އެކަމަށް ތައްޔާރުވެގެން ކަމަށްވެސް ޙަބީބް ވިދާޅުވިއެވެ.






