ޕްރޮސިކިޔުޓަރ ޖެނެރަލް ހުސެއިން ޝަމީމަށް ހަމަލާ ދިން މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.
އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ޕީޖީ އަށް ދިން މިހަމަލާ ދީފައިވަނީ ސައިކަލެއްގައި އައި ހެލްމެޓް އަޅައިގެން ތިބި ބައެއް ހަތިޔާރު ބޭނުން ކޮށްގެނެވެ.
މިމައްސަލައާއި ގުޅޭ ކަންކަން ނޫސްވެރިންނާއި ޙިއްސާ ކުރުމަށް މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ޕީޖީއަށް ހަމަލާދިން މައްސަލައިގައި މިއަދު ދެމީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީޕީ ޝުޖާޢު ވިދާޅުވީ މިހާދިސާގެ ރިޕޯޓް ފުލުހުންނަށް ކުރެވުމާއި އެކު ފުލުހުންގެ ހުރިހާ ރިސޯސްއެއްގެ ބޭނުން ކުރެވިފައިވަނީ މިމައްސަލަގައި ޝާމިލްވާ މީހުން ދެނެގަތުމަށް ކަމަށެވެ.
އަދި ޕީޖީ އަށް ހަމަލާދިން މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށެވެ. އަދި މި ހަމަލާ ދީފައިވަނި މޫނު ނިވާކޮށްގެން ކަމަށާއި، ހަމަލާދިނީ ކާކުކަން ނޭންގޭގޮތަށް ވަރަށް ރޭވިގެން ދެވުނު ހަމަލާއެއް ކަމަށެވެ.
ދެމީހަކު ހައްޔަރު ކުރިކަން ފުލުހުން ހާމަކުރެއްވި ނަމަވެސް އެދެމީހުންނާއި ބެހޭ އެއްވެސް މަޢުލޫމާތެއް ފުލުހުން ހާމަކުރައްވައިފައެއް ނުވެއެވެ.
މިކަމާއި ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން ކްރައިމް އިންވެސްޓިގޭޝަން ހެޑް ޗީފް ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަހުމަދު ނާޒިފް ވިދާޅުވީ، ހައްޔަރުކުރި ދެ މީހުން ހައްޔަރަށް ގެނެވި ތަހުގީގު ކުރެވެމުންދާކަމަށެވެ.
އަދި މި ދެމީހުން ހައްޔަރު ކުރެވުނު ނަމަވެސް، މީގެ ފަހަތުގައި އިތުރު ބަޔަކު ތިބެދާނެކަމަށްބަލާ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ނާޒިފް ވިދާޅުވިއެވެ.






