ލަސްތަކެއް ނުވެ މިހާރު ހުރި ބެކްލޮގް އެއްކޮށް ފިލުވާލެވި ބަރާބަރަށް މަސްވެރިންނަށް ފައިސާ ދެވިގެން ދިއުން ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާގެ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަސްވެރިންނަށް ލިބެން ޖެހޭ ފައިސާގެ މައްސަލަގައި މަސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދާ މިފަދަ ވަގުތެއްގައި ވަޒީރު ޝިޔާމް ކުރެއްވެވި ޓްވީޓެއްގައި ވަނީ މިކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވައިފައެވެ.
އެގޮތުން ވަޒީރު ޝިޔާމް ވިދާޅުވެފައިވަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި ލަސްވާތީ އެއާއިލާތަކުގެ ޒަރޫރީ ބޭނުންތައް ނުފުއްދި، ކުލިނުދެއްކި، ޔުޓިލިޓީ ބިލްތަކަށް ފައިސާނުދެއްކި، ދަރިންގެ ޓިއުޝަންފީ ނުދެއްކި، ލޯނުތައް އަދާނުކުރެވި ދުވަސްތައް ގުނަންޖެހުމަކީ އެއްވެސް ފަރުދަކަށް އަދި އާއިލާއަކަށް ފަސޭހަކަމެއްނޫން ކަމަށެވެ. އަދި އެއީ ވަރަށް ހިތްދަތި ކަމެއް ކަމަށްެވެސް ވަޒީރު ޝިޔާމް ވަނީ ވިދާޅުުވެފައެވެ.
މީގެއިތުރުން ވަޒީރު ޝިޔާމް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިޔަނެއްހާ ރުފިޔާ އޮތް ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން މިހާތަނަށް މިފްކޯއިން ސަރުކާރުގެ އެހީތެރިކަމާއެކު 276 މިލިއަނަށްވުރެ ބޮޑުއަދަދެއް މަސްވެރިންނަށް ޚަލާސްކުރެވިއްޖެކަމަށެވެ.
“އެހެންނަމަވެސް ދުވަސްވަރަކީ މަަސްވެރިކަން الله ގެ ރަޙުމަތުން ރަނގަޅު ދުވަސްކޮޅަކަށްވެފައި ކޮންމެދުވަހެއްގެވެސް އިތުރުވާ އަދަދާއެކު މަސްވެރިންނަށް ނުދެވި މިވަގުތަށް 190 މިލިއަނެއްހާ ރުފިޔާ ހުރިކަން ހިސާބުތައް އެބަބުނޭ، ސަރުކާރު އަދި މިފްކޯއިންދަނީ ރައީސުލް ޖުމްޙޫރިއްޔާގެ އެދިވަޑައިގަތުމަށް ސަވަރިން ގެރެންޓީދީގެންވެސް ފެސިލިޓީއެއް ހޯދުމުގެ މަސައްކަތް ބާރަށް ކުރަމުން” ވަޒީރު ޝިޔާމް ވިދާޅުވެފައިވެއެވެ.
ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕުކުރުމާ މާލީ ޑިސިޕްލިން ގެންގުޅުނުގޮތުން އެތެރެއިން އަދި ބޭރުންވެސް ފެސިލިޓީއެއް ހޯދުމުގައި ގޮންޖެހުން ހުރިކަންވެސް ފާހަގަކުރައްވާ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
“ޔަޤީން ކުރަނީ ލަސްތަކެއްނުވެ މިހާރު ހުރި ބެކްލޮގް އެއްކޮށްފިލުވާލެވި ބަރާބަރަށް މަސްވެރިންނަށް ފައިސާ ދެވިގެން ދިއުން. އަދި މަސްވެރި ސިނާއަތުގައި ހުރި އެހެން ގޮންޖެހުންތައްވެސް ހައްލުވެ މިސަރުކާރުގެ މަސްވެރި މެނިފެސްޓޯ ބަރާބަރަށް ތަންފީޒުވެ މަސްވެިކަމުން ލިބޭ އާމްދަނީ އިތުރުވެގެން ދިއުން” ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
ރައީސް ޑރ މުޢިއްޒު ހުންނެވީ ކަންކަން ހައްލުކުރައްވަން އެންމެ ކުރިޔަށް ނިކުންނަވާ ކަމަސް ވަޒީރު ވިދާޅުވިއެވެ. އަދި މަސްވެރިންގެ ފަރާތުން އަބަދުވެސް ލިބޭ އެއްބާރުލެއްވުމަށް ނުހަނު އިޚުލާސްތެރިކަމާއެކު ޝުކުރުދަންނަވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.






