ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިހާރު އޮތް ގޮތް ވޯލްޑް ބޭންކާއި ޙިއްސާ ކުރައްވައިފިއެވެ.
ވޯލްޑް ބޭންކުން ރާއްޖެ ވަޑައިގެން އުޅުއްވާ ވަފްދާއި އެކު ބޭއްވެވި ބައްދަލުވުމަށް ފަހު އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެފައިވަނީ ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ވޯލްޑް ބޭންކުގެ ޓީމާއި ޙިއްސާ ކުރައްވައިފައިވާ ކަމަށެވެ.
މިނިސްޓަރ ސަޢީދު ވިދާޅުވީ ވޯލްޑް ބޭންކުގެ ޓީމްގެ ދަތުރަކީ ރާއްޖޭގެ އިޤްތިސާދާ، މާލީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބޭފުޅުންނާ ވާހަކަ ދެއްކެވުމަށާއި، ކުރިއަށް އޮތް ރޭވިފައި ހުރި ޕްރޮގްރާމްތަކާއި މަޝްރޫޢުތަކުގެ މަޢުލޫމާތާއި، ރާއްޖޭގެ އިކޮނޮމީ މެނޭޖް ކުރުމުގައި ނަގާ ފިޔަވަޅުތަކަކީ ކޮބައިތޯ ދެނެގަތުމަށް އެބޭފުޅުން ކުރައްވާ ދަތުރުފުޅެއްކަމަށެވެ.
މިނިސްޓަރ ސަޢީދު އިތުރަށް ވިދާޅުވީ ރާއްޖޭގެ މިވަގުތުގެ މާލީ ޙާލަތާއި ރާއްޖޭގެ އިކޮނޮމީ ކުރިއަރާނެ ކަމަށް އަންދާޒާ ކުރެވިފައިވާ މިންވަރާ ގުޅޭގޮތުން މިނ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވިގެން ދިޔަ ކަމަށެވެ.
މީގެއިތުރުން ސަރުކާރު ހަވާލުވިއިރު، ނުދައްކާ 70 ބިލިއަން ރުފިޔާގެ ބިލް ހުރި ކަމަށާއި، ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެ އަދަދު 50 އިންސައްތައަށް ކުޑަކޮށްފައިވާ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރަށް އަދި ތިން މަސް ނުވާއިރު، މި އުނދަގޫ ޙާލަތުން އަރައިގަނެ މަސައްކަތާއިގެން ކުރިއަށް ދިޔުމަށް އަމާޒު ހިފަން ތައްޔާރުވަމުން އަންނައިރު ވޯލްޑް ބޭންކާއި އައިއެމްއެފް ނުވަތަ އަވަށްޓެރި ޤައުމުތަކާއެކު ވެސް ރާއްޖޭގެ ޙާލަތާއި، ކުރަން ރާވާ ކަންކަމާ ގުޅޭގޮތުން ވާހަކަ ދެއްކުމަކީ ވަރަށް ފަހި ކަމަކަށް ވެގެންދާނެ ކަމަށެވެ.






