ޝަރޫއީ ދާއިރާއަށް އެެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް ޑރ މުއިއްޒު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މިދައުރަށް ހުޅުވުމަސް ބޭއްވި މަޖިލިސް ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުންނެވެ.
ރައީސް ޑރ މުޢިއްޒު ވިދާޅުވީ ރައީސް ކަމުގެ ޤާނޫނީ ހުވައިކުރުމަށްފަހު، ޤައުމާ މުޚާޠަބުކޮށް ދެއްކެވި ވާހަކައިގާ، އެދުވަހުން ފެށިގެން، ސަރުކާރުން ޝަރީޢަތްތަކަށް ނުފޫޒު ފޯރުވުން ނިމުނީކަމުގައި ދަންނަވާފައިވާނެ ކަމަށެވެ. އަދި މިސަރުކާރުން ހިފަހައްޓާނީ އެ އުޞޫލު ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.
"ބަދަލުހިފުމުގެ ރޫޙު އަޅުގަނޑު ނުގެންގުޅޭނެކަމަށްވީ ވަޢުދާއި އެއްގޮތަށް އަޅުގަނޑު މިދަނީ ކުރިއަށް. ސިޔާސީގޮތުން މީހުން ހައްޔަރުކޮށް އަދަބު ދިނުމަކީ އަޅުގަނޑު ނުކުރާނެކަމެއް. ޤައުމަށް ހަމަޖެހުން އަންނަން ޖެހޭ. އެ ރޮނގުން އަޅުގަނޑު ދެއްކި ވާހަކައާއި އެއްގޮތަށް އަޅުގަނޑުގެ ބަހާ އަމަލު ސީދާކުރާނަން. ނަމަވެސް ޤާނޫނުގެ ވެރިކަން ކަށަވަރުކުރާނަން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިސަރުކާރުން ޤާނޫނުގެ ވެރިކަން ކަށަވަރުކުރަށްވާނެ ކަމަށާއި، އަދުލުވެރިކަމާއި އިންސާފު ދައުލަތުގައި ގާއިމުކުރުމަށް ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބު އަދާކުރަށްވާނެ ކަމަށެވެ.
ހަމައެއާއިއެކު، ޝަރުޢީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށާއި، އެފަދަ ނުފޫޒެއް ސަރުކާރަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ފޯރުވާކަން އެނގިއްޖެނަމަ ވަގުތުން ފިޔަވަޅުވެސް އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އާދެ! 17 ނޮވެމްބަރު 2023ގެ ފަހުން ޝަރުޢީ ދާއިރާ ހިނގަމުން އެދަނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތިކަން އަޅުގަނޑު ސާބިތުކަމާއެކު ދަންނަވަން." ރައީސް ވިދާޅުވިއެވެ.






