Close

އިސްލާމްދީނުގެ މަތިވެރި އުޞޫލުތައް ނަގަހެއްޓުމަށް މުހިންމު މަސައްކަތްތަކެއް ފަށައިފިން: ރައީސް މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް

އިސްލާމް ދީނުގެ މަތިވެރި އުޞޫލުތައް ނަގަހެއްޓުމަށާއި ރިވެތި އަޚްލާޤާއި ސުލޫކް މުޖްތަމަޢުގައި އަށަގެންނެވުމަށް މުހިންމު މަސައްކަތް ތަކެއް ފަށައިފިކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ މުޢިއްޒު މިހެން ވިދާޅުވީ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ވެރިކަމުގައި މި ހިނގި ކުޑަދުވަސް ކޮޅުގެ ތެރޭގައި އިސްލާމީ ވަހުދަތު މި ބިމުގައި ދެމެހެއްޓެވުމަށް ޓަކައި ކުރެއްވެވި ކަންކަން ވަނީ ފާހަގަ ކުރައްވައިފައެވެ.

އެގޮތުން ދިވެހީންގެ އިޖްތިމާޢީ ދިރިއުޅުމުގައި މިސްކިތްތަކުގެ ދައުރު ފުޅާކުރުމަށާއި މެދު ނުކެނޑި މިސްކިތްތަކުގެ ޙާލަތު ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން، މިސްކިތްތަކާ ބެހޭ ޤައުމީ މަޖިލިސް ވަނީ އަލުން އުފައްދާފައި ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

“މިސްކިތްތައް ބެލެހެއްޓުމާ މަރާމާތަށް ދައުލަތުން ކުރާ ހޭދަ 3 ގުނަ އިތުރުކޮށްފިން” ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ސަރުކާރު ހިންގުމާ ޙަވާލުވެ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މުޅީން އަލަށް 6 މިސްކިތެއްގެ މަސައްކަތް ޙަވާލުކޮށްފި ކަމަށާއި، ޕީ.އެޗް.ޑީ ފެންވަރަށް އިމާމުން ތަމްރީނުވުމުގެ ޕްރޮގްރާމެއް ހިންގުމަށް ވަނީ ރޭވިފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ޙައްޖަށް ދެވޭނެ ފޯރުންތެރިކަން ނެތް 1000 ފަޤީރުން މި ދައުރުގައި ޙައްޖުވުމުގެ ފުރުޞަތު ސަރުކާރުގެ ޚަރަދުގައި ދެއްވާނެ ކަމަށާއި، މިގޮތުން މި އަހަރުތެރޭގައި 50 ފަޤީރުންނަށް މި ފުރުސަތު ދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޒަކާތަށްދޭ އަހައްމިއްޔަތު އިތުރުކުރަން، ވަކި އޮފީހެއްގެ ގޮތުގައި "މޯލްޑިވްސް ޒަކާތު ހައުސް" ވަނީ ޤާއިމުކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަސް އިރާދަކުރެއްވިއްޔާ ވާނީ، ދިވެހި ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހުރިހާ ގޭބިސީތަކަށް، ފުރަތަމަ ފަހަރަށް ރޯދަ ހަދިޔާދޭ ރަމަޟާންމަހަށްވާނެ ކަމަށެވެ.

“އަހަރުގެ ތެރޭގައި އަންނަ އަޅުކަމުގެ އެންމެ ބަރަކާތްތެރި އެއް ފޯވަހިކަމުގައިވާ ރަމަޟާންމަހުގެ ފަހު ދިހައެއް، ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި، އަދި ހެޔޮ ޢަމަލުތަކަށް ދައުލަތުން ބާރުއަޅާ ދުވަސްތަކެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އިރާދަކުރެއްވިއްޔާ ވޭތިކުރާނެ” ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ހަމައެއާއި އެކު ރައީސް ވިދާޅުވީ އަންނަ ފިޠުރު ޢީދާ، އަދި މިނޫން އިސްލާމީ މުނާސަބާތަކާ ޤައުމީ މުނާސަބާތައްވެސް ދީނީ އަދި ޤައުމީ ފުރިހަމަ ރޫޙާ އުފާފާގަތިކަމާ އެއްބައިވަންތަކަމާއެކު ސަރުކާރުން އިސްނަގައިގެން ފާހަގަކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top