ދައުލަތުގެ ޚަރަދުގައި ޙައްޖުގެ އަޅުކަން އަދާކުރުމަށް ގެންދާ މީހުން ޙައްޖަށް ގެންދާނީ ދައުލަތަށް ރިޒާވް ކުރާ ކޯޓާގެ ތެރެއިން ކަމަށް އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ކަމަށްވާ ފުދުންތެރިކަން ނެތް މީހުން ހިލޭ ފަރުޟު ޙައްޖަށް ގެންދިއުމުގެ ކަންކަން ކުރިއަށް ގެންދާ އުސޫލު ކަނޑައަޅައި އިސްލާމީ ވުޒާރާއިން މިއަދު ވަނީ އެއުސޫލު ގެޒެޓް ކުރައްވައިފައެވެ.
އިސްލާމީ ވުޒާރާއިން ބުނެފައިވަނީ މި ސިޔާސަތުގެ ދަށުން ކުރިޔަށް އޮތް 5 އަހަރުގެ ތެރޭގައި 1000 ފަޤީރުން ދައުލަތުގެ މާލީ އެހީތެރިކަމުގައި ޙައްޖަށް ފޮނުވޭނެ ކަމަށެވެ. އެގޮތުން ފުރަތަމަ 50 ފަރާތަށް މި އަހަރު 1445 ވަނަ އަހަރު ޙައްޖުގެ އަޅުކަމު ފުރުޞަތު ލިބިގެންދާނެ ކަމަށްވެސް އެވުޒާރާއިން ބުނެފައިވެއެވެ.
އެ އުސޫލުގެ ދަށުން ޙައްޖަށް ފޮނުވާނެ މީހުން ކަނޑައަޅާނީ އެ ވުޒާރާއިން އެކުލަވާލައިފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކުގެ މެދުގައި އާންމުކޮށް ހުޅުވައިލައިގެން ބާއްވާ ގުރުއަތުލުމަކުން ކަމަށްެވެސް އިސްލާމީ ވުޒާރާއިން ބުނެފައިވެއެވެ.
މި އުސޫލުގެ ދަށުން ޖާގަ ލިބޭ ފަރާތްތައް ޙައްޖަށް ދިއުމަށް ހަމަޖެހިފައިވަނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް މެދުވެރިކޮށް ކަމަށާއި، މި އުސޫލުގެ ދަށުން ޙައްޖަށް ގެންދާ މީހުންނަށް ކޯޓާ ހަމަޖައްސާނީ، ވުޒާރާގެ ބޭނުމަށް ރިޒާވްކުރާ ޙައްޖު ކޯޓާގެ ތެރެއިންކަމަށް އެވުޒާރާއިން ބުނެފައިވެއެވެ.
އަދި މިކަމުގެ ސަބަބުން ޙައްޖު ކޯޕަރޭޝަންގެ ޙައްޖު ކިއު ލިސްޓަށް އެއްވެސް ބަދަލެއް ނާންނާނެކަމަށްވެސް އެވުޒާރާއިން ބުނެފައިވެއެވެ.






