ރައްޔިތުންނަށް ދެއްވާ ޔަޤީންކަމަކީ ތަރައްޤީއަށް ޓަކައި ކުރަންޖެހޭ ކަންކަމުގައި ވަރަށް ސަމާލުކަން ދެއްވާނެ ކަމުގެ ޔަޤީން ކަން ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުޢިއްޒު މިހެން ވިދާޅުވީ ކޮޅުމަޑުލަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގައި އެއަތޮޅުގެ ދިޔަމިގިއްޔަށް ކުރެއްވެވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
“އަޅުގަނޑު ހަމަ ރައްޔިތުންނަށް ދޭން ބޭނުންވާ ޔަޤީންކަމަކީ އަދި މި ރަށުގެ ލޮބުވެތި ރައްޔިތުންނަށްވެސް ދޭ ޔަޤީންކަމަކީ، ތަރައްޤީއަށްޓަކައި ކުރަންޖެހޭ ކަންކަމުގައި ވަރަށް ސަމާލުކަން ދޭނެކަމުގެ ޔަޤީންކަން” ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.
ޤައުމުގެ އިޤްތިޞާދު މި އޮތް ޙާލަތުގެ ސަބަބުން މުޅި ރާއްޖެއަށްވެސް މި ވަނީ ހުރަހަކަށް ވެފައި ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެހެން ނަމަވެސް، މި ސަރުކާރުން ފަށާ އިޤްތިޞާދީ ރިފޯމް، މަސައްކަތްތަކުގެ ނަތީޖާއަކަށް ވާނީ އަދި އިޤްތިޞާދު އިތުރަށް ފުޅާކޮށް، އާމްދަނީ އިތުރުކުރުމަށްޓަކައި ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ހިންގަން މިހާރުވެސް ފެށިފައިވާ ކަންތައްތަކާއި މިގޮތަށް ރަށްރަށުގައި ހުންނަ ތަރައްޤީގެ ކަންކަމަށް ބޭނުންވާ ވަރަށް މާލަސްތަކެއްނުވެ އާމްދަނީ އިތުރުވެގެންދިޔުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ އިޤްތިޞާދީ ހާލަތަކީ ރަށްރަށަށް ތަރައްޤީ ގެނެސް ދިނުމަށް އޮތް ހުރަކަށް ދައްކަވަން ބޭނުން ނުވި ނަމަވެސް ޤައުމުގެ ހާލަތު އޮތްގޮތް ރައްޔިތުންނަށް ސާފުކޮށް އޮޅުން ފިލުވައިދެއްވަން ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށެވެ.
އެގޮތުން ރާއްޖޭގެ އިޤްތިޞާދު ރަނގަޅުކުރުމަށް ވަރަށްބޮޑު، ބުރަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި ރާއްޖެއަށް އަންނަ، ކަމާގުޅޭ ބައިނަލްއަޤްވާމީ އެކިއެކި އިދާރާތަކުންވެސް އެކަން ބަލައިގަންނަކަން ރައީސް ފާހަގަކުރެއްވިއެވެ.






