ކުނިއުކާލުމަށް ކުނި ހަވާލުކުރާއިރު ރަނގަޅަށް ކުނި ވަކިކޮށްފައި ކުނި ހަވާލުކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އެދެފިއެވެ.
ވެމްކޯއިން މިކަމަށް އެދިފައިވަނީ އެ ކޯޕަރޭޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
ވެމްކޯއިން މިފަދަ ނޫސްބަޔާނެއް ނެރެފައިވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ވެމްކޯގެ އުޅަނދެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމާއި ގުޅިގެނެވެ.
ވެމްކޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިފަދަ ކަންކަން ދިމާވާ މެދުވެރިވާ މައިގަނޑު ސަބަބަކީ ކުނި ވަކިނުކޮށް، ނުރައްކާތެރި މާއްދާތައް ހިމެނޭ ކުނި، ދުވަހު ކުންޏާއި އެއްކޮށް ބަންދުކޮށްފައި ހުރުން ކަމަށެވެ.
އަދި އުކާލާ ކުނީގެ ތެރޭގައި ނުރައްކާތެރި ކުނި ހުރިނަމަ، ވެމްކޯގެ މުއައްޒަފުންނާއި ހިއްސާ ކުރުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.
އިއްޔެގައި ހިނގި މި އަލިފާނުގެ ހާދިސާ ހިނގީ ވެމްކޯގެ ކުނި އުފުލާ ކޮމްޕެކްޓަރެއްގައެވެ. މިކަން ދިމާވި ވަގުތު، އާންމުން އުޅޭ ސަރަހައްދުން އަވަހަށް އުޅަނދު ވެމްކޯ ޓްރާންސްފާ ސްޓޭޝަނަށް ގެންދިޔަ ޑްރައިވަރު ސުއޫދު މުހައްމަދުގެ ދުރުވިސްނުމުން އާންމުނާއި މުދަލަށް ކުރިމަތިވެދާނެ ގެއްލުން ކުޑަވެގެން ދިޔަކަން ވެމްކޯ އިން ފާހަގަކުރި އެވެ.
ވެމްކޯއިން ބުނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމާއި، ފުލުހުންނާއި، އެ ކޯޕަރޭޝަނުގެ މުއައްޒަފުން ގުޅިގެން މި އަލިފާންކަނޑޫ ކޮންޓްރޯލް ކޮށް ނިއްވާލާފައިވާ ކަމަށެވެ. މިކަން ހިނގަން މެދުވެރިވި ސަބަބު ވެމްކޯއިން ދަނީ ބަލަމުންނެވެ.






