Close

އިސްރާއާއި މިޢްރާޖްގެ ދަތުރުފުޅަކީ އީމާންކަމާއި ތަރްބިޔަތާއި އިޖުތިމާޢީ ދަރުސްތަކެއް އެކަމުގައި ހިމެނޭ ޙާދިޘާއެއް!

އިސްރާއާއި މިޢްރާޖްގެ ދަތުރުފުޅަކީ އީމާން ކަމާއި ތަރްބިއްޔަތާއި އިޖްތިމާއީ ދަރުސްތަކެއް ހިމެނޭ ޙާދިޘާއެއް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

އިސްރާއާއި މިއުރާޖުގެ ދަތުރާއި ބެހޭ ގޮތުން ދެވުނު ޙުތުބާގައި ބުނެފައިވަނީ މި ޙާދިޘާއަކީ އީމާންކަމާއި ތަރްބިޔަތާއި އިޖުތިމާޢީ ދަރުސްތަކެއް އެކަމުގައި ހިމެނޭ ޙާދިޘާއެއް ކަމަށާއި އެއީ ﷲގެ ކުޅަދުންވަންތަކަން ހާމަކޮށްދޭ ޢަމަލީ ޙާދިޘާއެއް ކަމަށެވެ.

“މި ޙާދިޘާ ވެގެން ދިޔައީ މުއުމިނުންނާ ކުރިމަތިވި ބޮޑު އިމްތިޙާނަކަށް، މި އިމްތިޙާނުން އެންމެ ފުރަތަމަ ދަސްވެނިވި ބޭކަލަކީ މާތްاﷲ ރުއްސުން ލެއްވި އަބޫބަކުރުގެފާނު، އެކަލޭގެފާނަށް މި އިމްތިޙާނުގައި اَلصِّدِّيْقُ ގެ ލަޤަބު ލިބިވަޑައިގަތް” ޙުތުބާގައި ބުނެފައިވެއެވެ.

އިސްރާއާއި މިޢްރާޖުގެ ދަތުރުފުޅުގެ ތެރޭގައި މާތް اﷲ މި އުއްމަތަށް ދެއްވި އެންމެ އަގު ބޮޑު ނިޢުމަތަކީ ފަރުޟު ފަސް ނަމާދު ވާޖިބު ކުރެއްވުން ކަން ކަމަށް ޙުތުބާގައި ބުނެފައިވެއެވެ. ރަސޫލުاﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ އަޚުންކަމުގައިވާ ނަބީބޭކަލުންނާ އެކު އިމާމުވެ ވަޑައިގެން ޖަމާޢަތުގައި ނަމާދު ކުރެއްވި ކުރެއްވުމުން މި ޝަޢީރާގެ މަތިވެރިކަމާއި ޤަދަރުވެރިކަން ހާމަވެގެން ދާކަމަށްވެސް ޙުތުބާގައި ބުނެފައިވެއެވެ.

“އެހެން ފަރާތެއް މެދުވެރި ނުކުރައްވައި ސީދާ الله سُبْحَانَهُ وَتَعَالَىމި އުއްމަތުގެ މައްޗަށް ނަމާދު ފަރުޟު ކުރެއްވުމުން މިފަރީޟާގެ މަތިވެރިކަން އެނގޭ، ރަސޫލު ﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ބަޔާންކޮށް ދެއްވާފައިވާ ފަދައިން ނަމާދަކީ ދީނުގެ ތަނބު، އެއީ އީމާންކަން މިނެދޭ މިންގަނޑު، މަޙްޝަރުގެ ބިމުގައި ޙިސާބު ބެއްލެވޭ އިރު އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނީ ނަމާދާ ބެހޭގޮތުން، އެކަން ރަނގަޅު ވެއްޖެ މީހާގެ ދެންހުރި ކަންތައް ރަނގަޅު ވެދޭ” ޙުތުބާގައި ބުނެފައިވެއެވެ.

 

ޙުތުބާގައި ބުނެފައިވަނީ އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމުގެ ދާންމަތިކޮޅުގައި އޮންނަވައި އެންމެ ފަހުން އުއްމަތަށް ކުރެއްވި ވަޞިއްޔަތުގައިވެސް ނަމާދަށް ރައްކާތެރިވުމަށް އަންގަވާފައި ވާކަމަށެވެ.

އަދި އިސްރާއާއި މިޢުރާޖުގެ ޙާދިޘާއަކީ މީސްތަކުންނާ އެކު މުޢާމަލާތު ކުރުމުގެ މަތިވެރި ދަރުސްތަކެއް އޭގައި ހިމެނޭ ޙާދިޘާއެއް ކަމަށް ޙުތުބަގައި ބުނެފައިވެއެވެ.

މިއީ ރަނގަޅު ޞާލިޙު އެކުވެރިންނާއި އިޚުލާޞްތެރި މިތުރުންގެ ހެޔޮ ނަމޫނާ ހާމަކޮށްދިން ޙާދިޘާއެއް ކަމަށާއި ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސަލއްމަ މި ދަތުރުފުޅުގެ ވާހަކަ މީސްތަކުންނަށް ވިދާޅުވެ ދެއްވުމުން، މީސްތަކުން ބައިބަޔަށް ބެހިގެން ދިޔަ ކަމަށާއި، މި ވާހަކަ ޤަބޫލުކުރި ބަޔަކާއި އެ ކަމާ މެދު ޝައްކު ކުރި ބަޔަކު ފާޅުވި ކަމަށާއި މި ވާހަކަ ދޮގު ކުރި ބަޔަކާއި ތެދު ކުރި ބަޔަކު ހާމަވި ކަމަށްވެސް ޙުތުބާގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top