އަލިރަސްގެފާނުގެ ޖިހާދު މިއަދުގެ ސިޔާސީ ފަރާތްތަކަށް މުޚާތަބުކުރަނީ ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވުމަށް ކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ދެއްވި ޚިޠާބުގައެވެ.
“ޢަލީ ރަސްގެފާނުގެ ޖިހާދު، އަދުގެ ސިޔާސީ ފަރާތްތަކާ އެބަ މުޚާޠަބުކުރޭ. ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވާން އެބަ ގޮވާލާ. ދިވެހީންގެ ސަލާމަތް ދިވެހީން ހޯދަން އެބަ ގޮވާލާ. ޢަލީ ރަސްގެފާނުގެ ޖިހާދު، މީޑިޔާއާ އެބަ މުޚާޠަބުކުރޭ. ޚަބަރު ފަތުރާއިރު، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ. ދޮގު ޚަބަރުތައް ނުފަތުރަން އެބަ އިންޒާރުދޭ” ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.
ޢަލީ ރަސްގެފާނުގެ ޖިހާދު، ދިވެހި ޒުވާނުންނާއި މުޚާޠަބުކޮށް ބުނަނީ ޒުވާންކަމުގެ އޮއިވަރުގައި، އަމިއްލަ ދީނާއި، އަމިއްލަ ޤައުމު ފަހަނައަޅައި ނުދިޔުމަށް ކަމަށެވެ.
ޢަލީ ރަސްގެފާނުގެ ޖިހާދު، އަދުގެ ދިވެހީންނަށް ދޭ އެންމެ ބޮޑު އެއް ފިލާވަޅަކީ، މާތް ﷲ ޙައްޤަށް ނަޞްރު ދެއްވާނެކަން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ، ބިމުގެ ކުޑަކަމަކާއި، އާބާދީގެ މަދުކަމަކާ ގުޅިފައި އޮންނަ ކަމެއް ނޫންކަމަށް ރައީސް ވިދާޅުވިްއެވެ.
“ކާބަފައިން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކޮށްފި. އަޅުގަނޑުމެންގެ ކާބަފައިން، ބޭރުގެ ބާރަކަށް ނަފާ ލިބޭގޮތަށް ކަޅު މުޙައްމަދު ރަސްގެފާނު ދޫކުރެއްވި ކިނޮޅަހާއި، އެހެން ރަށްރަށް އަލުން ދިވެހީންނަށް ހޯދައިދިން” ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މި ސަރުކާރުން، ދިވެހި ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދައިދެއްވާނެ ކަމަށެވެ. އަދި ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއް ކަމުގައި ހައްދަވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އަދުގެ ދުނިޔޭގައި އަމިއްލަ ފަސްގަނޑު، އެ ބައެއްގެ އަތުގައި ނެތް ޤައުމުތައް އުޅޭ ހާލު އަބަދާ އަބަދު އެބަ ފެންނަކަމަށާއި، ފަލަސްޠީނަކީ އޭގެ މިސާލެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި އެފަދަ ދުވަހެއް މި އަމާންކަމުގެ ސުވަރުގެފަދަ ދިވެހިރާއްޖެއިން ދެކެން ބޭނުންފުޅު ނުވާ ކަމަށާއި އެހެންކަމުން، ދިވެހިރާއްޖޭގެ މި ފަޚުރުވެރި ޝަހީދުންގެ ދުވަހު އިޚްލާޞްތެރި އެމަނިކުފާނު ކުރައްވާ އިލްތިމާސަކީ ޤައުމަށް ތެދުވެރިވުމަށާއި ދީނަށް ޙުރުމަތްތެރިކޮށް ހިތުމަށާއި ދައުލަތަށް ވަފާތެރިވުން ކަމަށް ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.






