Close

ގދ އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ޓްރެފިކް މޮނިޓާސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި!

ގދ އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ޓްރެފިކް މޮނިޓާސް ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވެފައިވަނީ މި ޕްރޮގްރާމް ނިންމުމަށް ފެބުރުވަރީ 8 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސައުތު ޕޮލިސް ކޮމާންޑަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝަމީމް ކަމަށެވެ.

އަދި މި ރަސްމިއްޔާތުގައި، ސައުތު ޕޮލިސް ސަބް ރީޖަން ކޮމާންޑަރ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ހުސައިން، ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަންގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަސީހް، ގދ. އަތޮޅު ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާޠިމަތު ރިޝްވީނާ އަޙްމަދު އަދި އެހެނިހެން ފުލުހުންނާއި ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޝިފާޒް މުޙައްމަދު ބައިވެރިވެލެއްވި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މީގެއިތުރުން ރޯޑް ޕޮލިހާއި ގދ. އަތޮޅު ޕޮލިސް ގުޅިގެން ފެބުރުވަރީ 3 އިން 8 އަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ތަމްރީނު ޕްރޮގްރާމްގައި ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ 36 ދަރިވަރުން ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށެވެ.

ޓްރެފިކް މޮނީޓާސް ޕްރޮގްރާމަކީ ސްކޫލްތައް ހިމެނޭ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި ސްކޫލްތަކުގެ ދަރިވަރުންގެ ބައިވެރިވުން އިތުރުކުރުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމާއި ޓްރެފިކް މައްސަލަތައް ހައްލުކުރުމުގެ ރޫހު އަށަގެންފައިވާ ދަރިވަރުންތަކެއް އުފެއްދުމަށް މާލެއާއި އަތޮޅުތަކުގައި ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި ޕްރޮގްރާމްގައި، އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތުދިނުމާއި ދަރިވަރުންގެ އަމިއްލަ ނަފުސުގެ ސަލާމަތާއި ރައްކާތެރިކަމުގެ މައުލޫމާތު ދިނުމާއެކު ކްލާސްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި ސްކޫލު ސަރަހައްދާއި މަގުމަތީގައި ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ދަރިވަރުން ހަރަކާތްތެރިވާއިރު މުއާމަލާތުކުރުމުގައި ރީތި އަދަބުތަކަށް އަހުލުވެރިކުރުވުމާއި ދިވެހި ބަހުގެ ހަމަތަކާއި އުސޫލުތައް ހިމެނޭގޮތަށް މުއާމަލާތުކުރުމުގެ ހުނަރުތައް ދަސްކޮށްދީފައިވާ ކަމަށާއި، އޭގެ އިތުރުން، ޓްރެފިކް ބެލެހެއްޓުމާ ގުޅޭގޮތުން މަގުމަތީގައި ދަރިވަރުންނަށް އަމަލީ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

 

 

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top