ޗައިނާގެ ޝިއަންމެންގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.
ޝިއަންމެން އެއަރގެ ފުރަތަމަ ފުލައިޓަށް މަރުޙަބާ ކިޔުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވަނީ ޚާއްސަ ހަރަކާތެއް ބާއްވާފައިވެއެވެ.
މި ހަރަކާތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލާއި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުރުން ސަރުކާރުގެ އެހެނިހެން އިސްވެރިންނާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރާއި، އެމްއޭސީއެލްގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގެނެވިއެވެ.
އިއްޔެއައި ޝިއަންމެން އެއަރލައިންގެ ފުރަތަމަ ފުލައިޓުން ރާއްޖެއަށް 230 ފަތުރުވެރިން އައިސްފައިވެއެވެ.
ޝިއަންމެން އެއަރ އިން ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވަނީ ޗާޓަރު ދަތުރުތަކެކެވެ. އަދި ދަތުރުތައް ބާއްވަނީ ޗައިނާގެ ފުޖިއަން ޕްރޮވިންސްގެ ޝިއަންމެން ސިޓީއިން ސީދާ ވީއައިއޭ އަށެވެ.
ޝިއަންމެން އެއާރ ގެ ދަތުރުތައް ފެށިގެން ގޮސްފައި ވާއިރު، ދާދިފަހުންވަނީ ޗައިނާގެ ހޮންގް ކޮންގް އެއަރލައިނުންވެސް ވަނީ ރާއްޖެއަށް ޝެޑިއުލް ދަތުރުތައް އަލުން ފަށާފައިވެއެވެ.
މިދެ އެއާލައިނާއި އެކު ޗައިނާއިން ރާއްޖެއަށް 5 އެއާލައިނަކުން މިހާރު ދަތުރު ކުރާނެއެވެ.
ކޮވިޑްގެ ޢާލަމީ ވަބާ ފެތުރުމުގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގައި އެންމެ ބޮޑު ބައެއް ހިއްސާ ކުރީ ޗައިނާއެވެ. ނަމަވެސް ކޮވިޑަށް ފަހު ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެންމެ އުހުގަައި އޮތީ އިންޑިޔާގެ ނަމެވެ.
ނަމަވެސް އައު ވެރިކަމަށް ފެށި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ، ކުރިއެކޭ އެއްގޮތަށް ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ނަންބަރު މާކެޓަށް ޗައިނާ ހެދުމަށް އެދިވަޑައިގެންފައެވެ.
އެއާއި އެކު ޗައިނާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ މިންވަރު ދަނީ އިތުރުވަމުންނެވެ.






