މާލެ ސަރަހައްދުގައި ކާބޯތަކެތި ވިއްކާ ތަންތަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ބަލައި ފާސްކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ އެޖެންސީ އިން ބުނެފިއެވެ.
އެޗްޕީއެ އިން ނެރެފައިވާ އިޢްލާނެއްގައި ބުނެފައިވަނީ މި ހަރަކާތަކީ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ސާފުތާހިރު ކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށް ބާރުއަޅައި، ރައްކާތެރި ގޮތުގައި ޚިދުމަތް ދިނުމަށް ބާރުވެރިކޮށް އަހުލުވެރި ކުރުމަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.
މި ހަރަކާތް ކުރިއަށްދާނީ މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
މިއީ މާލެ ސިޓީ ކައުންސިލާއި، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން ކަމާ ގުޅުން ހުރި ފަރާތްތަކުން ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި ހަރަކާތަކީ މިއަހަރުވެސް ރަމަޟާން މަސްފެށުމުގެ ކުރިން އެޗްޕީއޭއިން ކުރިއަށް ގެންދާ ޚާއްސަ އިންސްޕެކްޝަނެކެވެ.






