20ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓުންގެ މަންދޫބުން ހަމަޖެއްސުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
އީސީ އިން މިކަމަށް ހުޅުވާލައި ކޮށްފައިވާ އިޢްލާނުގައި ބުނެފައިވަނީ މަޖިލިސް އިންތިހާބުގެ ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށް، އެ ކެންޑިޑޭޓެއްގެ މަސްލަހަތު ހިމެނޭ ކޮންމެ މަރުކަޒަކަށް މަންދޫބަކު އައްޔަން ކުރުމުގެ ފުރުސަތު ހުޅުވާާލައިފައިވާ ކަމަށެވެ.
ކެންޑިޑޭޓުންގެ މަންދޫބުންގެ ޝަރުތުތަކުގެ ގޮތުގައި ހިމަނާފައި ވަނީ 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވުމާއި، ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޒުކުރެވެމުންދާ މީހެއް ކަމުގައި ނުވުމާއި، އަދި އިންތިޚާބާއި ބެހޭ މަސައްކަތެއް އީސީގެ ފަރާތުން ހަވާލުވެގެން ހުރި މީހެއް ކަމުގައިނުވުމެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމަށް، އެ ކެންޑިޑޭޓެއްގެ މަސްލަޙަތު ހިމެނޭ ކޮންމެ މަރުކަޒަކަށް އަންނަނިވި ޝަރުތު ހަމަވާ 1 މަންދޫބަކު ޢައްޔަންކުރުމުގެ ފުރުޞަތު، ،2024 ފެބުރުވަރީ 24 ވާ ހޮނިހިރު ދުވަހުގެ 15:00 އާ…
— Ismail Habeeb (@IsmailHabeeb) February 17, 2024
މީގެ އިތުރުން ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް އަދި ވެރިއެއް ކަމުގައިނުވުމާއި، ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހަކަށް ވެގެން ނުވާނެއެވެ. އަދި ހަމަ މިއާއިއެކު ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ކަމުގައިނުވުމާއި، ސުލޫކީ މިންގަނޑާއި ހިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައިވެސް ވެގެން ނުވުމާއި، އިންތިހާބީ ކުށެއް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
އީސީގެ އިއުލާނުގައި އެންމެފަހުން ބުނެފައިވަނީ މިފަހަރުގެ އިންތިޚާބުގައި ކެންޑިޑޭޓުންގެ މަންދޫބުންނަށް ދޫކުރާނީ ޑިޖިޓަލް ފާހެއްކަމަށާއި، އަދި މަންދޫބުންނަށް ވުމަށް އެދި އީމެއިލް އަދި އިންތިޚާބާ ބެހޭ މަރުކަޒަށް ފޯމް ހުށައެޅޭނެކަމަށެވެ.
މަޖިލީހުގެ ގޮނޑިތަކަށް ވާދަކުރުމަށް އީސީ އިން ހުޅުވާލި ފުރުސަތުގައި 368 ކެންޑިޑޭޓަކު ވާދަކުރުމަށް ވަނީ ފޯމް ހުށައަޅައިފައެވެ. އެއީ 42 އަންހެނުންނާއި އަދި 326 ފިރިހެނުންނެވެ.






