މާޗް 5ގެ ކުރިން މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދީ ޚަލާސްކުރައްވާނެ ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާގެ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު ޝިޔާމް މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުކޮށް ސުވާލު ހުށައެޅުމުން ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ވަޒީރު ޝިޔާމް މަޖިލީހަށް ހާޒިރުކުރުމުން މަކުނޫދޫ ދާޢީރާގެ މެމްބަރު މުޙައްމަދު ރާއީ ސުވާލު ކުރެއްވުމަށް ތެދުވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ކޫއްޑުގައި މަސްވެރިން ކުރި މުޒާހަރާ އާއި ގުޅިގެން ވަޒީރު ޝިޔާމް ކޫއްޑޫއަށް ވަޑައިގެން މުޒާހަރާ ކުރަމުން ދިޔަ މަސްވެރިންނަށް މާޗް 5ގެ ކުރިން ފައިސާ ދެއްވާނެ ކަމަށް ވިދާޅުވެ ދެއްވި ޔަޤީންކަން މަޖިލީހުގައި ދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.
މެމްބަރު ރާއީގެ ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ސަރުކާރުގެ އަމާޒަކަށްވީ މިދިޔަ ވެރިކަން ނިމި އައު ވެރިކަމަށް ފެށުނުއިރު މަސްވެރިންނަށް ނުދެވި ހުރި ފައިސާ ހިމެނޭހެން، މަސްވެރިންނަށް ދޭން ހުރި ފައިސާ ވޭހާވެސް އަވަހަށް ދީ ޚަލާސްކުރުން ކަމަށެވެ.
މިއާއެކު ވަޒީރު ޝިޔާމް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު 200 އެތައް މިލިއަން ރުފިޔާއެއް މަސްވެރިންނަށް ދޭން ހުރި ކަމަށެވެ.އަދި މިއަދާއި ހަމައަށް އައިއިރު، ޖުމްލަ އަދަދަށް ބަލާއިރު މަސްވެރިންނަށް ދޭން ހުރީ 310 މިލިއަން ކަމަށެވެ. އޭގެ ތެރެއިން އެކި ބައިތައް ދޫކުރުމަށް ފަހު، މިހާރު ނުދެވި ހުރި 280 މިލިއަން އެއްހާ ރުފިޔާ މާޗު މަހުގެ 05 ކުރިން އެއްކޮށް ހަލާސް ކުރެވޭނެކަމަށް ޝިޔާމް ވިދާޅުވިއެވެ.
މާރިޗު 5 ގެ ކުރިން މަސްވެރިންނަށް ފައިސާ ދީ ޚަލާސް ކުރާނެ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވެފައި ވާއިރު، ރައީށް ޑރ މުޢިއްޒު ވެސް ވަނީ ލޯން ނަގައިގެން ނަމަވެސް މަސްވެރިންނަށް ނުދެވި ހުރި ފައިސާ ވޭހާވެސް އަވަހަށް ޚަލާސް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.






