Close

ފަރެސްމާތޮޑާގެ ބަނދަރު ޕްރޮޖެކްޓް ޑިޒައިންކުރާނީ ސްލިޕްވޭއެއްވެސް ހިމެނޭގޮތައް: ރައީސް ޑރ މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް

ގދ ފަރެސްމާތޮޑާގެ ބަނދަރު ޕްރޮޖެކްޓް ޑިޒައިންކުރާނީ ސްލިޕްވޭ އެއްވެސް ހިމެނޭގޮތައް ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ މުއިއްޒު މިހެން ވިދާޅުވީ އެމަނިކުފާނު ދެކުނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ ފަރެސްމާތޮޑާއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ފަރެސްމާތޮޑާގައި ވާހަކަ ދައްކަވަމުން ޑރ މުޢިއްޒު ވިދާޅުވީ އެ ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ވަރަށްގިނަ ކަންކަން، ކައުންސިލްގެ ރައީސް ފާހަގަކުރެއްވެވި ކަމަށެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ކޮންމެ ރަށަކަށްވެސް ގޮސް ފުރަތަމަ ބަލަނީ، ރައްޔިތުންގެ ފަރާތުން ހޮއްވަވާފައި ތިއްބެވި ކައުންސިލަރުން، ރައްޔިތުންގެ ފަރާތުން ވިދާޅުވާން ހުރި ކަންކަން އޮޅުންފިލުވުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ ކައުންސިލަރުންނާއި އެކު ބޭއްވޭ ބައްދަލވުމުގައި ކައުންސިލަރުން ހުރިހާ ރަށަށް ބޭނުންވެފައިވާ ކަންކަން ފާހަގަކޮށްދެއްވާކަމަށެވެ.

“އަޅުގަނޑު ބޭނުންވަނީ މިގޮތަށް މުޅި ރާއްޖޭގެ ހުރިހާ ރަށެއް ކަވަރ ކުރަން. އެގޮތުން، އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ދެތިން ހަތަރު ހަފްތާގެ ތެރޭގައި، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ދެވޭތޯ މަސައްކަތް މި ކުރަނީ” ރަޢީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ މުއިއްޒު ވިދާޅުވީ ފަރެސްމަތޮޑާގެ ތަރައްޤީއަށް ވަރަށްގިނަ ކަންކަން ކުރަން އެބަހުރިކަމަށެވެ.

އޭގެތެރޭގައި ބަނދަރުގެ ޖާގަީ ވަރަށް ބޮޑަށް ޖާގަ އިތުރުކުރަން ޖެހިފައި ވާ ކަމަށާއި، މަސްވެރިކަމަށް ބޭނުންވާ އެކިކަހަލަ ބޭނުންތަކާ އެކީގައި އެކަމަށްޓަކައި ބަޖެޓުގައިވެސް ކޮންމެވެސްވަރަކަށް ފައިސާ ވަނީ ހިމެނިފައި ކަމަށް މުޢިއްޒު ވިދާޅުވެފައިވެއެވެ.

އަދި އެކަމާ ގުޅޭ މަސައްކަތްތައް ކުރުމަށް އެކަމާއި ބެހޭ ވުޒާރާގެ ފަރާތުން ވަރަށް އަވަހަށް އެރަށަށް އަންނާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

“ތިޔަބޭފުޅުންނާ މަޝްވަރާކޮށް، ބަނދަރުގެ ޕްރޮޖެކްޓް ޑިޒައިން ކުރާނީ. ކުރާއިރުގައި، ދެންމެ ކައުންސިލްގެ ރައީސް ފާހަގަކުރެއްވި ގޮތަށް، ސްލިޕްވޭއެއްވެސް ހިމެނޭގޮތަށް އިރާދަކުރެއްވިއްޔާ އެ ބަނދަރު ހަދައިދޭނެ ވާހަކަ ތިޔަބޭފުޅުންނަށް ދަންނަވަން” ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ހަމަ އެއާއެކީގައި، ބިން އިތުރުކުރުމަކީވެސް ކުރަން ޖެހިފައި އޮތް ކަމެއް ކަމަށާއި އެކަމަށްވެސް ބަޖެޓުގައި ކޮންމެވެސްވަރަކަށް ފައިސާ ހިމެނިފައި ހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވެވަޑައިގަންނަވާ ގޮތަށް، ބިން ހިއްކުމުގެ މަޝްރޫޢެއްވެސް، އެ ރަށުގައި ތާވަލުކޮށްގެން ކުރިއަށް ގެންގޮސްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

“ބިން މި ބޭނުންވަނީ މައިގަނޑު ގޮތެއްގައި ގެދޮރުވެރިކަމަށް. ދެން އިޤްތިޞާދީ ބޭނުންތަކަށް. ގެދޮރުވެރިކަމަކީ އަޅުގަނޑުމެންގެ އެންމެ މުހިންމު ސިޔާސަތު. އެ ސިޔާސަތުގެ ދަށުން މި ރަށުގައިވެސް އިރާދަކުރެއްވިއްޔާ އެއީ، އަޅުގަނޑުމެން ކުރިއަށް ގެންދާނެ ކަމެއް” ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ފަސް އަހަރުގެ ދައުރު ނިމޭއިރުގައި ރާއްޖޭގައި ގެދޮރުގެ މައްސަލަ ޙައްލުނުވާ އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމަށް އެމަނިކުފާނު ވަޢުދުވެވަޑައިގެންފައި ވާނެ ކަމަށެވެ. އަދި އެ އަމާޒު ހާސިލް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top