ހަފްތާ 14ގެ 161 ވަޢުދުގެ ތެރެއިން 150 ވައުދު ފުއްދައިދެވިއްޖެ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރޭ ބޭއްވުނު “އަހާ” ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައްޔިތުންގެ ސުވާލުތަކަށް ސީދާ ރައީސް ޑރ މުޢިއްޒު ޖަވާބުދެއްވުމަށް ރޭ ބޭއްވުނު “އަހާ” ފޯރަމްގައި ރައީސް ވަނީ ހަފުތާ 14ގައި ހިމެނޭ 161 ވަޢުދުގެ ތެރެއިން 150 ވަޢުދުގެ %100 ހާސިލުކުރެވިއްޖެކަމާއި ބާކީހުރި ވައުދުތަކުގެ %80 އަށްވުރެ މައްޗަށް ހާސިލުކުރެވިފައިވާކަން ހާމަކުރައްވާފައެވެ.
މީގެ އިތުރުން އިޤްތިޞާދު ހަރުދަނާކޮށް ފުޅާކޮށް، ދަރަނި ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމާއި، ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ އިސްކަމެއްދިނުމާއި ގުޅިގެން ޢާންމު ކުރި ބައެއް ސުވާޅުތަކަށް ރައީސް ވަނީ ޖަވާބު ދެއްވައިފައެވެ.
ހަމަމިއާއި އެކު ޕަރފޯމިންގ އާރޓިސްޓުންނަށާއި ފަންނުވެރިންނަށް މަގުފަހިކޮށްދިނުމަށް ޚާއްޞަ ވިލެޖެއް ނުވަތަ ސެންޓަރެއް ޤާއިމުކުރުމާއި، މެދުރާސްތާ އަދި ދުރުރާސްތާ ޕްލޭންއެއްގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޔުނިވަރސިޓީ ތަޢުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުންފަދަ އެކި މައުޟޫޢުތަކަށް އާންމުން ކުރެއްވި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވިއެވެ.
ރައްޔިތުންނާއި ވީހާވެސް ގާތުން ޤައުމުގެ ކަންކަން ކުރިއަށް ގެންގޮސް ރައްޔިތުންގެ ޙާލަތު ކައިރިން ބައްލަވައި ހައްދަވާނެ ކަމަށް އިންތޚާބުގެ ކެމްޕޭނު ތެރޭގައިވެސް ރައީސް ވަޢުދުވެވަޑައިގެެންނެވިއެވެ. އަދި އެމަނިކުފާނު އެގޮތައް އެމަސައްކަތް ކުރައްވަމުން ގެންދަވާ ތަން ދަނީ ފެންނަމުންނެވެ.






