މާޗު މަހުން ފެށިގެން ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ރޭ ކުރިއަށްދިޔަ އަހާ ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.
ރައްޔިތުންނަށް ސީދާ ރައީސް ޑރ މުޙައްމަދު މުޢިއްޒާއި ސުވާލު ކުރެވޭނެ ހެން ހުޅުވާލާ ބޭއްވުނު “އަހާ” ފޯރަމްގައި ރައީސް މުޢިއްޒުވަނީ މި ސަރުކާރުން ފެއްޓެވުމަށް ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ވަރަށް އަވަހަށް ފެށުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުގެ އެކި މަޝްރޫޢުތަކުގެ ތެރެއިން ގެދޮރު އެޅުމުގެ އެކިއެކި މަޝްރޫޢުތައް މާލޭސިޓީ އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިއަހަރު ތެރޭގައި ފެށޭނެކަމުގައި ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.
ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ވީހައި ގާތުން ހޯއްދަވައި، ރައްޔިތުންގެ ހާލުއަހުވާލު އަބަދުމެ ބައްލަވަމުން ގެންދެވުމަށް ރައީސް ޑރ މުޢިއްޒު ދަނީ ވަރަށް ބޮޑަށް އިސްކަން ދެއްވަމުންނެވެ.
މިގޮތުން ވެރިކަމުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭ އެމަނިކުފާނު ވަނީ އަތޮޅުތަކަށް ދަތުރުކުރައްވަން ފަށްޓަވައިފައެވެ. އަދި ކޮންމެ ދުވަހަކު 'ރައީސްގެ ޖަވާބު' ގެ ނަމުގައި ރައްޔިތުން އޮޅުންފިލުވަން ބޭނުންވާ ކަންކަމަށް ވީޑިއޯ މެދުވެރިކޮށް ޖަވާބުދެއްވައި، ދެއްވާ ޖަވާބު ޢާއްމުކުރައްވަން ފަށްޓަވައިފައެވެ. 'އަހާ' ސިލްސިލާގެ ފޯރަމްތައް ބޭއްވެވުމަކީވެސް ރައީސްގެ ރިޔާސީ ވަޢުދެކެވެ.






