Close

ސަރުކާރާއި އެއްވިސްނުމެއްގައި މަސައްކަތް ކުރާ ރައްޔިތުންނަށްޓަކައި ކަންކަން ކޮށްދޭ މަޖިލީހެއް އޮންނަންޖެހޭ: ރައީސް މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ:ރައީސް އޮފީސް

ރައްޔިތިުންގެ ތަރައްޤީއަށްޓަކައި ސަރުކާރާއި އެއްވިސްނުމެއްގައި މަސައްކަތް ކުރާ ރައްޔިތުންނަށްޓަކައި ކަންކަން ކޮށްދޭ މަޖިލީހެއް އޮންނަންޖެހޭ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ހއ އިހަވަންދޫ އަށް ކުރެއްވި ޒިޔާރަތިުގައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ ކިބައިން އެދެން އޮތީ، ރައްޔިތުންނަށް ދެއްވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވުަމށް ކަމަށެވެެ. އަދި މިކަންކަން ބާރު ސްޕީޑްގައި ކުރިއަށް ގެންދިޔުމުގައި ކުރަންޖެހޭ ވަރަށްގިނަ މަސައްކަތް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ވަޢުދުވެފައި ހުރި ހުރިހާ ކަމެއް ފުއްދަން މަސައްކަތްކުރާއިރުގައި، ވަރަށްގިނަ މަސައްކަތް ކުރަން އެބަހުރި ކަމަށާއި ބިޔަ މަޝްރޫޢުތައް ހިންގަންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

“އެހެންވީމާ، މިހިރަ ހުރިހާ ކަމެއް ކުރުމުގައި، ރާއްޖޭގެ ޤާނޫނީ ނިޒާމު ރޭވިފައި އޮންނަ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ދައުރަކީ ވަރަށް މުހިންމު އެއްޗެއް. އެހެންވީމާ، ރައްޔިތުންގެ މަޖިލީހަކީވެސް ހަމަ ރައްޔިތުން ވޯޓުލައިގެން ހޮވާ މެންބަރުންތަކެއް ތިބޭ ތަނެއްވީމަ، ސަރުކާރުން ރައްޔިތުންނަށް ކަންތައްތައް ކޮށްދިނުމުގައި އެހީތެރިކަންދޭ، އެއް ވިސްނުމެއްގައި މަސައްކަތްކުރާ، ރައްޔިތުންނަށްޓަކައި ކަންކަން ކޮށްދޭ މަޖިލީހެއް އޮންނަންޖެހޭ” ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ވިސްނުމުގައި ތިބޭ ބަޔަކު މަޖިލީހަށް އިންތިޚާބު ކުރުމަކީ، ގިނަ ކަންކަން ކުރުމުގައި، ބާރު ސްޕީޑްގައި ދިޔުމުގައި ވަރަށް މުހިންމު ކަމަކަށްވާ ކަމަށެވެ.

“މީގައި މިއޮތީ ކޮންމެ ހާލެއްގައިވިޔަސް، ކޮންމެވެސް ކަމެއް ކުރެވިގެން ދިޔުންތޯ، ވަރަށް އެފިޝަންޓްކޮށް، ވަރަށް ބާރު ސްޕީޑްގައި، ރައްޔިތުން ބޭނުންވާ ގޮތަށް، ރައްޔިތުން އެދިވަޑައިގެންފައިވާ ކަންތައްތައް، އަޅުގަނޑު ވަޢުދުވެފައިވާ ހުރިހާ ކަމެއް ފުރިހަމަގޮތުގައި ބާރު ސްޕީޑްގައި ގެންގޮސް ނިންމުންތޯ” ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ މުޢިއްޒު ހއ، ހދ، ށ އަދި ނ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅު ފައްޓަވައިފައިވަނީ އިއްޔެއެވެ.

 

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top