މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޗައިނާގެ ބައިލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސަބުތަކުން ބުނެފިއެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަ ކުރާ ފަތުރުވެރިކަމުގެ ޑެއިލީ ރިޕޯޓް އިން ދައްކާގޮތުގައި މި އަހަރުގެ މިހާތަނަށް ޗައިނާ އިން ރާއްޖެ އަށް 51,984 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މިއާއިއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގައި ޗައިނާ ފަތުރުވެރިންގެ މާކެޓް ޝެއާ އަކީ 13.7 ޕަސެންޓެވެ. މިއަހަރުގެ މި މުއްދަތުގައި ރާއްޖޭގެ މާކެޓްގެ އެއް ވަނައިގައި އޮތް ޗައިނާ، މިދިޔަ އަހަރުގެ މި މުއްދަތުގައި އޮތީ ތިންވަނައިގައެވެ.
މިދިޔަ އަހަރު ރާއްޖޭގެ މާކެޓްގައި އެއްވަނައިގައި އޮތް އިންޑިއާ ވަނީ 25,096 ފަތުރުވެރިންނާއި އެކު ފަސްވަނަ އަށް އަށް ވެއްޓިފައެވެ. މާކެޓް ގެ ތިންވަނައިގައި އަދިވެސް އޮތީ އިޓަލީއެވެ. އެގައުމުން މި އަހަރުގެ މިހާތަނަށް 35,834 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
މިއަހަރު ރާއްޖެ އަށް ރަޝިއާއިން 36,423 ފަތުރުވެރިން ޒިޔާރަތްކޮށް، ދެވަނަ އަށް އެންމެ ގިނައިން ރާއްޖެ އަށް ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުގެ ލަގަބު މިފަހަރުވެސް ރަޝިއާ އިން ވަނީ ހޯދާފައެވެ.
މިދިޔަ އަހަރުވެސް ރަޝިއާ އަކީ ރާއްޖެ އަށް ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ގައުމެވެ.
މި މަހުގެ 24 ވަނަ ދުވަހާއި ހިސާބަށް ރާއްޖެ އަށް ޖުމްލަ 378,245 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ފާއިތުވި ދެ އަހަރާއި އަޅާ ބަލާއިރު، 16.2 ޕަސެންޓްގެ ކުރިއެރުމެކެވެ. 2023 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އަށް ޒިޔާރަތް ކުރީ 325,423 ފަތުރުވެރިން ކަމަށް ވާއިރު 2022 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރީ 256,542 ފަތުރުވެރިންނެވެ.
މި އަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކުރީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް 10,213 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ރާއްޖޭގައި ފަތުރުވެރިން ގާތްގަޑަކަށް 8 ދުވަސް ހޭދަކުރެއެވެ.






