މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ އެދްވައިޒަރަކަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.
އެމްޑީޕީގެ މަޖިލީސް ކެމްޕެއިން ފެށުމަށާއި، އެ ޕާޓީގެ ކެންޑިޑޭޓުން ތަޢާރަފު ކުރުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާ ގައި ރައީސް ޞާލިޙް ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
ޖަލްސާގަައި ވާހަކަދެއްކެވި ޕާޓީގެ އިސް ބޭފުޅުން ރައީސް ޞާލިޙަށް މުޚާތަބު ކުރައްވައިފައިވަނީ ޕާޓީގެ އެޑްވައިޒަރުގެ ގޮތުގައެވެ. އެ މަގާމަށް ރައީސް ޞާލިޙް ހަމަޖެއްސި ދުވަހެއް އެމްޑީޕީއިން ހާމަކޮށްފައެއް ނުވެއެވެ.
ރައީސް ޞާލިޙް އެންމެ ފަހުން ހުންނެވީ އެމްޑީޕީގެ ވަގުތީ ރައީސްގެ ގޮތުގައެވެ. އެމަނިކުފާނު އެ ޕާޓީގެ ރައީސްކަމަށް ހަމަޖެއްސެވީ ނޮވެންބަރު 24 ގައި އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ ގައެވެ.
އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވެގެންދިޔައީ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ރައީސް ކަމުންނާއި މެންބަރު ކަމުން ވެސް އިސްތިއުފާ ދެއްވުމުންނެވެ.
އެމްޑީޕީގެ ރައީސްކަމަށް މިހާރު އައްޔަނު ވެފައިވަނީ ކުރީގެ ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދެވެ.






