ތަހުޒީބުވެފައިވާ ޑިމޮކްރެސީއެއްގައު ކޮންމެ ޕާޓީއަކުން ހޮވިފައި ހުއްޓަސް ދާއިރާއަށް ކުރިއެރުން އަންނަ ކަންކަމަށް އެއްބާރުލުން ދޭނެ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުއިއްޒު މިހެން ވިދާޅުވީ މިހާރު ށ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ށ.ކަނޑިތީމަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ރައްޔިތުންގެ ތަރައްޤީއަށް ކޮށްދެއްވަން ވެފައިހުރި ވައުދުތައް ފުއްދުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށެވެ.
ބަޖެޓް ފާސްކުރަނީ މަޖިލީހުން ކަމަށާއި، މިއަހަރަށް ފާސްކޮށްފައި އޮތް ބަޖެޓްގެ ސަބަބުންވެސް ތަރައްޤީގެ މަސައްކަތްތަކަށް ދަތިތަކެއް އެބަހުރި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެހެން ދިމާވީ ސަރުކާރާއި ދެކޮޅު ވިސްނުމުގެ މެމްބަރު މަޖިލީހުގައި ގިނަވުމުން ކަމަށެވެ.
“އެހެންވީމާ، ރައްޔިތުންގެ އަތްމައްޗަށް މި އަންނަ ބާރު، ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ލިބޭ ފުރުޞަތުގައި، އަޅުގަނޑު އެދެނީ މިކަމަށް ވިސްނާވަޑައިގަތުމަށް. ވިސްނާވަޑައިގެން، މި މުހިންމު މަސައްކަތްތައް ކުރެވޭނެ ގޮތަށް މަޖިލީހަށް މެންބަރުން ހޮއްވަވައި ދެއްވުމަށް. ޙަޤީޤަތުގައި މިއީ ތަރައްޤީވެފައިވާ، ނޫނީވިއްޔާ ތަހުޒީބުވެފައިވާ ޑިމޮކްރަސީތަކުގައި،މާ އުނދަގޫ ކަމެއް ނޫން. ކޮންމެ ޕާޓީއަކުން މީހަކު ހޮވިފައި ހުއްޓަސް، އެ ދާއިރާއަކަށް ކުރިއެރުން އަންނަ ކަމަށްވަންޏާ، އެ ޤައުމަށް ކުރިއެރުން އަންނަންޏާ، އެއްބާރުލުންދޭ، ތަރައްޤީވެފައި ހުރި ބޮޑެތި ގިނަ ޤައުމުތަކުގައި. ރާއްޖޭގައި އަދި އެހިސާބަކާ ގާތަށްވެސް ނުދޭ. މާބޮޑަށް ސިޔާސީވެފައި މި އޮންނަނީ” ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މިހާރުގެ އިދިކޮޅު ޕާޓީން، ކަންކަން ނަގަނީ ް ޕާޓީލައިނުން ކަމަށެވެ. އަދި އެއީ ތަރައްޤީގެ ވިސްނުމެއް ނޫން ކަމަށާއި ޤައުމަށް ފައިދާހުރި ކަންކަމެއް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ އިދިކޮޅު ޕާޓީތަކުން މަސައްކަތް ކުރަނީ އެ ފަރާތްތަކުގެ އަމިއްލަ ވަކި މަޞްލަޙަތުތަކެއް ރައްކާތެރިކުރުމަށެވެ.
“އެއީ ރައްޔިތުންގެ ކިބައިން އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް. މިކަމާ ވިސްނާވަޑައިގެން، ހެޔޮވިސްނުމަށް ޖާގަ ދެއްވުމަށް. ޕާޓީގެ މަޞްލަޙަތަށްވުރެ ޢާއިލީ މަޞްލަޙަތު އިސްނުކުރެއްވުން. މި ދެންނެވި ޙަޤީޤަތާ އެއްގޮތަށް ވިސްނާވަޑައިގެން، ޤައުމުގެ ތަރައްޤީއަށް، ރަށުގެ ތަރައްޤީއަށް، ދާއިރާގެ ތަރައްޤީއަށް ކުރަންހުރި މިހިރަ ކަންކަމުގައި، އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނެ މަގު މަޖިލިސްތެރެއިން ފަހިކޮށްދިނުން” ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކަނޑިތީމުގެ ތަރައްޤީއަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށެވެ.






