ހުކުރު މިސްކިތާއި އެމިސްކިތުގެ މުންނާރު ސަރަހައްދުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ދާގޮތް ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަސީރު އިބްރާހިމާއި އެމަސައްކަތް ކުރާ ކުންފުނި ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ ބައްލަވައިލައްވައިފިއެވެ.
ވަޒީރު އާދަމް ނަސީރާއި އެމްޑީ ފަހުމީ މިއަދު މާލޭ ހުކުރު މިސްކިތާއި މެދުޒިޔާރަތް ސަރަޙައްދަށް ވަޑައިގެން އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައިފައިވާއިރު،ދެބޭފުޅުންގެ މި ޒިޔާރަތުގައި ހުކުރު މިސްކިތާއި މެދު ޒިޔާރަތުގެ އިތުރުން ބިހުރޯޒުކަމަނާ މިސްކިތަށްވަޑައިގެން ބޮޑުތަކުރުފާނު ޒިޔާރަތް ވެސް ބައްލަވައިލައްވައިފައިވެއެވެ.
މާލޭ ހުކުރު މިސްކިތާއި ހުކުރު މިސްކިތު ޕާކާއި މާލޭ މެދުޒިޔާރަތުގެ އާބާތުރަ ފިލުވުމަށް މިހާރު ކުރިއަށްދާ މަރާމާތުގެ މަސައްކަތުގެ ތެރެއިން 28 ފެބުރުވަރީގެ ނިޔަލަށް ހުކުރު މިސްކިތުގެ 4 ވަޅު، ވަޅުދިޔަ ހިއްކުމުގެ މަސައްކަތް ވަނީ ނިމިފައި ކަމަށް ދިވެހިބަހާއި ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
މުންނާރުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި، ހުކުރު މިސްކިތުގެ މަސައްކަތަށް ބޭނުންވާ އުވަ މިހާރު މާލެ ގެނެވިފައިވާކަމަށްވެސް އެވުޒާރާއިން ވަނީ ބުނެފައެވެ.
ހުކުރު މިސްކިތުގެ ޕާކް ސަރަހައްދުގައި ފެން މީޓަރ ބެހެއްޓިފައިމާގަސްތައް އިންދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެޕާކުގެ ވަށާފާރު ކުލަލައި ނިމިފައިވާ ކަމަށްވެސް އެވުޒާރާއިން ވަނީ ބުނެފައެވެ.
މީގެއިތުރުން އެޕާކުގައި ލައިޓް ހަރުކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވައިލެވެމުންދާ ކަމަށްވެސް އެވުޒާރާއިން ބުނެފައިވެއެވެ.ހަމަމިއާއި އެކު މެދުޒިޔާރަތުގެ ބޭރުފާރުގައްޔާއި އެތެރޭގެ ފާރުތަކުގައި ކުލަލުމުގެ މަސައްކަތް ފެށިގެން ކުރިއަށްދޭ ހުކުރު މިސްކިތުގެ މުންނާރު އާބާތުރަ ފިލުވުމަކީ ސްޓެލްކޯ ގެ އިޖްތިމާޢީ ޒިންމާގެ ދަށުން އެކުންފުނިން ކުރަމުން އަންނަ މަސައްކަތެއް ކަމަށްވެސް އެވުޒާރާއިން ބުނެފައިވެއެވެ.
މިއަހަރު ފެށި މި ޚާއްޞަ މަސައްކަތުގެ ތެރޭގައި މުންނާރުގެ އިތުރުން ހުކުރު މިސްކިތުގެ ގޯތިތެރެ ސާފުކުރުމާއި އެތަނުގައި ހުރި ބައެއް އެހެނިހެން އާސާރުތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށްވެސް ދިވެހިބަހާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
އެތަނުގައި ކުރަން ހުރި ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި މުންނާރުގެ އެތެރެއާއި ބޭރަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކޮށް އާބާތުރަ ފިލުވުމާއި، ހުކުރު މިސްކިތުގެ މަރާމާތުގެ މަސައްކަތް ކުރިން ކުރަމުން ދިޔަ ފަރާތުން އެތަނުގައި ބަހައްޓާފައި ހުރި ކޮންޓެއިނަރ ނެގުމާއި ކޮނެފައި ހުރި އުވަ ވަޅު ސާފުކޮށް ފަސްއެޅުން ފަދަ ކަންކަން ހިމެނޭ ކަމަށްވެސް އެވުޒާރާއިން ބުނެފައިވެއެވެ.މި މަސައްކަތްތައް ކުރަނީ ސްޓެލްކޯގެ ޚާއްޞަ ފަންނީ ޓީމަކުން ކަމަށްވެސް ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.






