ރެޔާއި ދުވާލު ފޯކަސް ބަހައްޓަވަނީ ރައްޔިތިުންނަށް ކަުރަންހުރި ކަންކަން ކުރުމުގައި ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެެވެ.
ރައީސް ޑރ މުޢިއްޒު މިހެން ވިދާޅުވީ ރ.އަލިފުށްޓަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއި މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި، އިދިކޮޅު ބައެއް މެންބަރުން ތިމަންނަމެން ބަޖެޓް ފާސްކޮށްދީފައި ވާކަމަށް އެބަ ވިދަޅުވާ ކަމަަށާއި، މަޝްރޫޢުތައް ކުރިއަށް ދާންޖެހޭ ކަމަށް ވިދާޅުވާކަމަށެވެ. ރައީސް ކަމުގެ ޒިންމާއާ ހަވާލުވީ، ކުރިން ކުރި ކަންކަމަށްވުރެވެސް އިތުރަށް މަސައްކަތް ކުރުމަށާއި ނަތީޖާ ނެރެދިނުމަށް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
“އެކަމަކު ބަޖެޓް ފާސްކުރި ގޮތް އަޅުގަނޑު މިއަދު މި އަންނަނީ ކިޔައިދެމުން. އެހެންވިޔަސް، އެ އޮތްގޮތަކުން، ކޮންމެ ގޮތަކަށް ފާސްކޮށްފައި އޮތަސް، އަޅުގަނޑުމެން ގޮތް ހޯދައިގެން، އާމްދަނީ އިތުރުކޮށްގެން، ޚަރަދު މަދުކޮށްގެން، ބޭކާރު ޚަރަދުތައް ހުއްޓާލާފައި، ކުރަންޖެހޭ ހުރިހާ މުހިންމު ކަންކަމަށް އިސްކަންދީގެން، މިހެންހުރި ހުރިހާ މަޝްރޫޢެއް ކުރިއަށް ގެންދާނެ ވާހަކަ މި އަންނަނީ ތަކުރާރުކޮށް ކިޔައިދެމުން”ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ބަޖެޓް ފާސްކޮށްފައި އޮތީ އެމަނިކުފާނު ވެ ވަޑައިގަތް ވަޢުދުތައް ފުއްދަން ހުރިހާ މަޝްރޫޢަކަށް ބަޖެޓުގައި ހިމަނާފައި ފޮނުވުމުން މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެމްބަރު އުނިކުރަން ބޭނުންވާ އެއްޗެހި އުނިކޮށްފައި ކަމަށެވެ.
“އެހެންވިޔަސް، އަޅުގަނޑު މި ދަންނަވަނީ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހުރިހާ މަޝްރޫޢެއް ކުރިއަށް ގެންގޮސް ނިންމައިދީ، އަދި އަޅުގަނޑު ވަޢުދުވެފައި ހުރި ހުރިހާ މަޝްރޫޢުތައްވެސް ކުރިއަށް ގެންދާނަމޭ. މި އަހަރު ފަށަން ނިންމާފައި ހުރި ހުރިހާ ކަމެއް، މި އަހަރުގެ ތެރޭގައި ހިނގައިގަންނާނެއޭ. އަދި ކުރިއަށްވެސްދާނެއޭ. އެއީ، އަޅުގަނޑުމެންނަށް އެނގޭ، މި ޙާލަތުން އަރައިގަތުމަށްޓަކައި ކަންކަން ކުރަންވާނެ ގޮތް” ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ މަޖިލީހަށް މެމްބަރުން ހޮވާއިރު ސަރުކާރަށް ތާއީދު ކުރައްވާ ބޭފުޅުން އިންތިޚާބު ކުރުމަށް ގޮވައިލައްވައިފައެވެ. ރައީސް މުޢިއްޒު ވިދާޅުވީ ދާއިރާގެ ރައްޔިތުންގެ ތަރައްޤީއަށް ކުރަންހުރި ހުރިހާ ކަމެއްގައި އެއްބާރުލުންދޭނެ ކަހަލަ ބޭފުޅަކު ހޮވުމަކީ، ޤައުމީ ތަރައްޤީގެ ވިސްނުމުގައި ކުރުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
“ރެޔާއިދުވާލު އަޅުގަނޑުގެ ފޯކަސް މިހިރީ ރައްޔިތުންނަށް ކުރަންހުރި ކަންކަން ކުރުމުގައި. އަޅުގަނޑުމެންގެ ޓީމު، ކެބިނެޓް މިނިސްޓަރުން، ކުންފުނިތަކުގެ އެމް.ޑީން، އަޅުގަނޑުމެންގެ މަޖިލިސް މެންބަރުން، މި ހުރިހާ ބޭފުޅުން، އަދި ރަށްރަށުގެ އެކިއެކި މުއައްސަސާތަކުގެ ވެރިން، މި ޓީމު މި މަސައްކަތް މިކުރަނީ މި ރޫޙުގައި ރެޔާއިދުވާލު. އެހެންވީމާ، މި މަސައްކަތުގެ ނަތީޖާ ނެރެދެވޭނީ، ނަތީޖާ ނެރުމަށްޓަކައި ދެން ދޭންއޮތް އެއްބާރުލުންވެސް ރައްޔިތުންގެ ކިބައިން ލިބިގެން” ރަޢީސް މުޢިއްޒު ވިދާޅުވިއެވެ.
އިއްޔެ ރައީސް މުޢިއްޒު ރ.އަލިފުށްޓަށް ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުޙަބާ އެއް ދަންނަވައިފައެވެ.






