މަސައްކަތް ކުރައްވަމުން ގެންދަވަނީ ރަމަޟާން މަހުގެ ކުރިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދީ ނިމޭތޯ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެއަތޮޅުގެ ދުވާފަރަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއި ބައްދަލިކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ދުވާފަރަކީ މަސްވެރި ރަށެއް ކަމަށާއި، މަސްވެރިކަން އެއީ އިޢާދަކޮށް، ވަރުގަދަކޮށް، ފުޅާކުރަން ބޭނުންވާ އެންމެ ބޮޑު އެއް އިންޑަސްޓްރީ ކަމަށެވެ. މިއަދާ ހަމައަށް އައިއިރުގައިވެސް ގާތްގަނޑަކަށް މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ 600 މިލިއަނެއްހާ ރުފިޔާ ދޫކޮށްފިކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު މަސްވެރިންނަށް ދޫކުރަން ޖެހޭ 230 މިލިއަނެއްހާ ރުފިޔާ އޮތް ކަމަށާއި، އެފައިސާތައް މަސްވެރިންނަށް ދިނުމުން މަސްވެރިކަން ރަނގަޅުވާނެ ކަމަށާއި މަސްކިރުމުން މަސްވެރިންނަށް ދޭންޖެހެ ފައިސާ މިފްކޯއިން މަސްވެރިންނަށް ދޭނެ ޖެހޭ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
“އެހެންވީމާ، އެއްކަލަ 230ގެ އިތުރަށް އަދި ގާތްގަނޑަކަށް 400 މިލިއަން ދެވިއްޖެ މިހާރު. އަދިވެސް ޕެންޑިންގގައި އެބަހުރި. މަސްބާނާވަރަކަށް ފައިސާ ދޭންޖެހޭނެ. އެހެންވީމާ، ރޯދަމަސް އަންނަންވާއިރަށް މި ބަލަނީ ކޮންމެވެސްކަހަލަ ފައިނޭންސިންގ މެކޭނިޒަމެއް ޤާއިމުކުރެވޭތޯ” ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަސައްކަތް މިހާރު އެބަ ކުރައްވާ ކަމަށާއި، ފިޝަރީޒް މިނިސްޓްރީއާއި ސަރުކާރުގެ ބޮޑު ކުންފުންޏަކާ އެކީގައި މަސައްކަތް ކޮށްގެން، ހަމަޖެހިފައި އޮންނަ ޤާނޫނީ އުސޫލުތަކުގެ ތެރެއިން ރަމަޟާން މަސް އަންނަން ވާއިރަށް އެފައިސާ ހަމަޖެއްސޭތޯ އަންނަނީ ބަލަމުން ކަމަށެވެ.
“ވަރަށް ކުޑަ ދުވަސްކޮޅެއް މިއޮތީ. ވަޢުދެއް ނޫން މިއީކީއެއް. މަސައްކަތް އެބަ ކުރަން، މަސްވެރިންގެ ހުރިހާ ފައިސާއެއް ދީ ނިންމޭތޯ. އެ މަސައްކަތް ކުރާ ވާހަކަ ދަންނަވާލަން ބޭނުން. އަޅުގަނޑަށް ވަރަށް ޔަޤީންކުރެވޭ، އެކަން ކާމިޔާބުވާނެ ކަމަށް. ކާމިޔާބު ވެއްޖިއްޔާ، ރޯދަމަސް އަންނަންވާއިރަށް ހުރިހާ މަސްވެރިންނަށް ފައިސާދީ ނިންމޭނެ” ރައީސް ވިދާޅުވިއެވެ.
ދާދި ފަހުންވެސް މަސްވެރިންނަށް ދޭނެ ޖެހޭ ފައިސާ ނުދީ ލަސްވަމުންދާތީ މަސްވެރިން ވަނީ މުޒާހަރާއެއް ކޮށްފައެވެ.






