ބ.ތުޅާދޫގެ ކައުންސިލުން އެރަށުގައި އާރްޓީއެލް ފެރީގެ ޚިދްމަތް ފަށައިދިނުމަށް އެދޭ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ އަރިހުގައި ދަންނަވައިފިއެވެ.
ރައީސް ޑރ މުއިއްޒު ބ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ބ.ތުޅާދޫ އަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ވަނީ ބައްދަލުކުރައްވައިފައެވެ.
މިބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އާރުޓީއެލް ފެރީގެ ނިޒާމު ގާއިމުކުރުމަށް ބޭނުންވާކަމަށާއި ކުނިކޮށި އަޕްގްރޭޑްކުރަން ބޭނުންވާކަން ވަނީ ހިއްސާކޮށްފައެވެ.
މީގެއިތުިރުން ގެދޮރު އިމާރާތްކުރަން ލުއިލޯނު ތަޢާރަފްކުރުމުގެ މުހިންމުކަމާއި ތުޅާދޫއަށް އިޤުތިޞާދީ ފައިދާ ހޯދޭގޮތަށް އެ އަތޮޅު ފަޅުރަށެއް ކަމުގައިވާ އެނބޫދޫ ލިބޭގޮތަށް ހަމަޖެއްސެވުމަށް އެދުން ހިމެނެއެވެ.
ހަމަމިއާއި އެކު ކައުންސިލުން ޚާއްޞަގޮތެއްގައި ވަނީ އެރަށަކީ ލިޔެލާ ޖެހުމުގެ މަސައްކަތް ކުރަމުންގެންދާ ރަށެއްކަމުގައިވާތީ ދިވެހިންގެ އެ މަސައްކަތް ދިރުވާއާލާކުރުމުގެ ގޮތުން ލިޔެލާޖެހި ތަކެތި ބޭރުން ރާއްޖެއަށް އެތެރެކުރުން މަނާކޮށްދެއްވުމަށް އެދިވަޑައިގަންނަވާފާއެވެ.
މީގެ އިތުރުންވެސް ރަށުގެ ތަރައްޤީއަށް މުހިންމު ކަންތައްތައް ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ ކަމާގުޅޭ ފަރާތްތައް މެދުވެރިކޮށް ރައީސް ޑރ މުޢިއްޒު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ހިއްސާކުރައްވާފައެވެ.






