Close

ދިވެހިބަހާއި ޤައުމިއްޔަތާއި ބެހޭ ވުޒާރާއިން މާދަމާ މާލެ ސަރަހައްދު ސާފުކުރަނީ

ދިވެހި ބަހާއި ޘަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާ. ފޮޓޯ: ވޮއިސް އެމްވީ

ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން "ރޯދަ ސާފު" ހަރަކާތުގެދަށުން ހޮނިހިރު ދުވަހު މާލޭ ސަރަހައްދު ސާފު ކުރާނެކަމަށް އެވުޒާރާއިން ބުނެފައިވެއެވެ.

އެވުޒާރާއިން ބުނީ "ރޯދަ ސާފު" ޕްރޮގްރާމުގެ ދަށުން މާލެ ސަރަހައްދު ސާފުކުރުމުގެ މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި ކަމަށެވެ.

މާލެއާއި ވިލިމާލެ ބައިތަކަކަށް ބަހާލައި މި ހަރަކާތުގައި ބައިވެރިވާ ޓީމުތައް އެކި ބައިތައް ސާފުކުރާގޮތަށް ހަމަޖެހިފައިވާއިރު ހުޅުމާލޭގައި ސާފު ކުރުމުގެ ހަރަކާތް ކުރިއަށް ގެންދާނީ އެޗްޑީސީ އާއި ވެމްކޯ ގުޅިގެންނެވެ.

"ރޯދަ ސާފު" ހަރަކާތުގައި ބައިވެރިވާ މުއައްސަސާތަކުގެތެރޭގައި ދިވެހި ބަހާއި ބެހޭ ވުޒާރާގެ އިތުރުން، އެމްޑަބްލިއުއެސްއީ އާއި ކެޑޭޓް ކޯރ އާއި އެމްޕީއެލް އާއި ޤައުމީ ދިފާޢީ ބާރާއި ދިވެހި ފުލުހުންގެ ޚިދުމަތާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އާއި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އާއި ފެމިލީ ކޯޓާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސަސް އާއި ރީޖަނަލް އެއަރޕޯޓްސް އާއި އާރުޑީސީ އާއި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއި އެމްޓީސީސީ އާއި ސްޓެލްކޯ އާއި މާލެ ސިޓީ ކައުންސިލު ވެސް ހިމެނޭ ކަަމަސް އެވުޒާރާއިން ބުނެފައިވެއެވެ.

9 މާރިޗު ވާ ހޮނިހިރު ދުވަހުގެ ހެނދުނު 6 ން މެންދުރު 12 ށް މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ހަރަކާތް ފެށުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތު އެދުވަހު ހެނދުނު 6 ޖަހާއިރު މާލޭ ހެދިގޮނޑުދޮށް ސަރަހައްދުގައި އޮންނާނެ ކަމަށްވެސް އެވުޒާރާއިން ވަނީ ބުނެފައެވެ.

ރަސްމިއްޔާތަށް ފަހު ސާފު ކުރުމުގެ ހަރަކާތުގައި ބައިވެރިވާ ޓީމުތަކުން އެ ޓީމަކަށް ކަނޑައެޅިފައިވާ ސަރަހައްދަށް ގޮސް ސާފުކުރުން ފެށޭނެ ކަމަށާއި، ކޮންމެ ސަރަހައްދެއްވެސް ސާފު ކުރަމުންދާނީ އެ ސަރަހައްދަކަށް ކަނޑައެޅޭ ގްރޫޕް ލީޑަރެއްގެ ބެލުމުގެދަށުން ކަމަށްވެސް އެވުޒާރާއިން ވަނީ ބުނެފައެވެ.

"ރޯދަ ސާފު" ހަރަކާތް ހިނގަމުންދާއިރު އެ ވުޒާރާގެ ފަރާތުން ބައިވެރީންނަށް ބޯފެނާއި ބުއިމާއި ލުއި ކާނާ ފޯރުކޮށްދެމުން ގެންދާނެ ކަމަށާއި، އަދި ދިމާވެދާނެ ކުއްލި ސިއްޙީ ކަންކަމުގައި ހަރަކާތްތެރިވާނެ ފުރަތަމަ އެހީގެ ޓީމެއް ވެސް ތައްޔާރުކުރެވިފައި އޮންނާނެ ކަމަށް ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ބުނެއެވެ.

މި އަހަރުގެ ރޯދައާ ދިމާކޮށް ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "ރޯދަ ސާފު" ހަރަކާތުގައި މިހާތަނަށް އައިއިރު ގިނަ އަދަދެއްގެ ރަށު ކައުންސިލުތަކުން ވެސް ވަނީ ބައިވެރިވެ، އެރަށްރަށުގައި ސާފު ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް އެވުޒާރާއިން ބުނެފައިވެއެވެ.

"ރޯދަ ސާފު" ހަރަކާތަކީ ކުރިއަށް އޮތް ތަނުގައި ކޮންމެ ރޯދަ މަހަކާ ދިމާކޮށް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތެއް ކަމަށްވެސް އެވުޒާރާއިން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top