ފުވައްމުލަކު ސިޓީ ގައި ބިނާކުރި މަސްޖިދުލް ހުދާ ހުޅުވައިފިއެވެ.
މިމިސްކިތް ރަސްމީކޮށް ހުޅުއްވައި ދެއްވީ އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިޚް މުޙައްމަދު ލަތީފެވެ. ފުވައްމުލަކުގައި ހުޅުވި މިމިސްކިތަކީ ޒަމާނީ ފަރުމާއަކަށް ތަރައްޤީކޮށްފައިވާ ހިތްގައިމު މިސްކިތެކެވެ. މިމިސްކިތް ފަރުމާކޮށްފައިވަނީ މަލެއްގެ ބައްޓަމަށެވެ. އަދި މިސްކިތުގެ މަތި ހުރީ ތަރިއެއްގެ ބައްޓަމަށެވެ. ދެ ފަންގިފިލާގެ މިމިސްކިތުގައި އެއް ފަހަރާއި 450 މީހުންނަށް ނަމާދު ކުރެވޭނެއެވެ.
ދަޢުލަތުގެ ބަޖެޓުން 8.7 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ބިނާކޮށްފައިވާ މި މިސްކިތުގެ މަސައްކަތް ފެށީ 2021 ވަނަ އަހަރުގެ އޮކްޓޫބަރުމަހުއެވެ. މިމަސައްކަތް ކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނުންނެވެ.
ފުވައްމުލައް ސިޓީގައި ބިނާ ކުރި މިމިސްކިތް ހުޅުވާފައިވާއިރު މިމަހުގެ ތެރޭ އިތުރު މިސްކިތެއްވެސް ހުޅުވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވިދާޅުވެފައެވެ.






