Close

ރޯދައިގެ ސަބަބުން އަށަގަންނަ ރިވެތި އަޚްލާޤީ ސިފަތަކުގެ ސަބަބުން ނަފްސު ޠާހިރުކޮށްދީ ޒީނަތްތެރިކޮށްދޭ!

ރޯދައިގެ ސަބަބުން އަށަގަންނަ ރިވެތި އަޚްލާޤީ ސިފަތަކުގެ ސަބަބުން ނަފްސު ޠާހިރުކޮށްދީ ޒީނަތްތެރިކޮށްދޭ ކަމށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ރޯދައިގެ ޚިކްމަތްތަކާއި ބެހޭ ގޮތުން ދެވުނު ހުކުުރު ޙުތުބާގައި ބުނީ ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ރޯދަވެރިޔާގެ ކިބައިގާ ރަޙުމާއި، ކުލުނު އުފެދުން ހިމެނޭ ކަމަށެވެ. އަދި ރޯދައަށް ހުންނަ ހިނދު އިޙްސާސްވާ ކަރުހިއްކުމާއި، ބަނޑުހައިހޫނުކަމުގެ ސަބަބުން، މުޅި އަހަރު ހައިހޫނުކަމުގައި އުޅޭ ނިކަމެތި ފަޤީރުންނާއި، މިސްކީނުންގެ އިޙްސާސްތައް ދެނެގަނެވޭނެ ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

“އަދި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އޭނާގެ ނަފުސު އެދި ގޮވާނެ، އެ ރިވެތި އަޚްލާޤީ ސިފަތަކުގެ ސަބަބުން، ރޯދަވެރިޔާގެ ނަފުސު ޠާހިރުކޮށް ޒީނަތްތެރި ކޮށްދޭ، ހަމަ މިފަދައިން ދޮގުހެދުމާއި، ޒުވާބުކުރުމާއި، ހަޑިހުތުރު ބަސްތަކުން މީހުންނާ މުޚާޠަބުކުރުމާ އޭނާ އެއްކިބާކުރުވާ” ހުކުރު ޙުތުބާގައި ބުނެފައިވެއެވެ.

ރޯދަ ފަރުޟު ކުރެއްވުނު ޙިކުމަތާއި، އޭގެ ފައިދާ ޙާޞިލުކުރެވޭނީ، ﷲ سُبْحَانَهُ وَتَعَالَى އެންގެވިގޮތަށް، ރޯދަ ހިފައިގެން ކަމަށާއި، ރޯދަ ހިފުމުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުއްނަތަށް ތަބަޢަވެގެންކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

“ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ކަމަކީ، ސިއްރާއި ފާޅުގައި، ތިމާ ކުރާ ޢަމަލުތައް ﷲ تَعَالَى ބައްލަވައި ވޮޑިގެންވާކަން ދަނެ، ތިމާގެ ނަފުސު ތަހުޛީބު ކުރުމެ، ރޯދައަކީ، ރޯދަވެރިޔާއާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ސިއްރެއް” ޙުުތުބާގައި ބުނެފައިވެއެވެ.

ރޯދަވެރިޔާ ރޯދަގެއްލޭ ކަންތައްތަކުން ދުރުހެލިވެ ހުންނަނީ، މާތް ﷲ ގެ ރުހިވޮޑިގަތުން ލިބިގަތުމަށް ކަމަށާއި، އެހެނީ ރޯދައަށް ހުރެ ސިއްރިޔާތުގައި ކައިބޮއި އުޅުނަސް، މީހަކަށް އެކަމެއް ނޭނގޭނެ ކަމަށެވެ.

“ރޯދަވެރިޔާއަށް އޭގެ މިންވަރު ނޭނގޭ ގިނަގުނަ ދަރުމަ ދެއްވުމަށް މާތް ﷲ ވަޢުދު ކުރައްވާފައި ވަނީ، މި އަޅުކަމުގައި ހުރި އިޚްލާޞްތެރިކަމުގެ ބޮޑުކަމުން” ހުތުބާގައި ބުނެފައިވެއެވެ.

ރޯދައިގެ ޙިކުމަތަކީ، މާތް ﷲ އަށް ބިރުވެތިވެ، تَقْوَى ވެރިވުން ކަމަށާއި ކުރުމަށް އާދަވެފައިވާ ކަންތައްތަކުން ދުވަސްކޮޅަކަށް ނަމަވެސް އެއްކިބާވެ ހުރުމީ، ދުނިޔޭގެ އެދުންތަކުން ނަފްސު ސަލާމަތްކުރުމަށް ދެވޭ ތަރުބަވީ ފިލާވަޅެއް ކަމަށް ޙުތުބާގައި ބުނެފައިވެއެވެ.

މުޅި ދުވާލު ކެއިން ބުއިމުން އެއްކިބާވެ ހުރުމުގެ ސަބަބުން، ޝަހުވަތްތެރިކަމާއި، ދުނިޔޭގެ ދަހިވެތިކަން ތިމާގެ ހިތުތެރެއިން ކުޑަވެ، ރޫޙާނީބައި އިތުރުވެގެން ދާކަމަށާއި، ނަތީޖާއަކަށް ވަނީ، ނުބައިކަންތައްތަކަށް އަރައިގަތުމާ ދުރުހެލިވުން ހިމެނޭ ކަމަށް ޙުތުބާގައި ބުނެފައިވެއެވެ.
ދުލުން ހަޑި ހުތުރު ބަސްތައް ބުނުމާއި، މީހުންނާ ޒުވާބުކުރުން ހުއްޓުން ކަމަށާއި ފަޤީރުންނާއި ނިކަމެތީންގެ ޙާލަތު އިޙްސާސްވުން ކަމަށެވެ. އަދި އެފަދަ މީހުންނަށް އެހީތެރިވުމަށް ހިތްވަރު ލިބުމާއި ރޯދައަކީ ހުރިހާ މާނައެއްގައި ވެސް ރައްކާތެރި ކަމެއް ކަމަށް ޙުތުބާގައި ބުނެފައިވެއެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top