ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންނަށް އެމީހުންގެ ބަހުން ދީނީ މަޢުލޫމާތު ފޯރުކޮށްދޭނެ މީހުން ހޯދަން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އިއްލާނުކޮށްފިއެވެ.
އެވުޒާރާގެ އިޢްލާނުގައި ބުނެފައިވަނީ ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ މުސްލިމުންނަށް ދަރުސްތައް ދިނުމުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި ބެންގާލީ ބަހުން އެ މަސައްކަތް ކުރެވޭނެ އިލްމުވެރިންގެ ޕޫލެއް އެއް އަހަރު ދުވަހުގެ މުއްދަތަށް އެކުލަވައިލަން ބޭނުންވާ ކަމަށެވެ.
އަދި ބެންގާލީ ބަހުން ހިންގާ ދީނީ ހޭލުންތެރިކަމުގެ ސެޝަނަކަށް 500ރ. އަދި ދިވެހި ބަހުން ބެންގާލީ ބަހަށް ތަރުޖަމާކުރާ ކޮންމެ ދީނީ ދަރުސަކަށް 1،000ރ. ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
މިކަމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި، ސުންނީ މުސްލިމަކަށް ވުމާއި އިސްލާމިކް މިނިސްޓްރީން ގަބޫލުކުރާ ޔުނިވާސިޓީއަކުން ދީނީ އިލްމުން މަދުވެގެން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައިވުމުގެ އިތުރުން ދީނީ އެއްބައިވަންތަކަމުގެ ޤާނޫނާ ހިލާފު ވެގެން ޝަރުއީ ކޯޓަކުން އެއްވެސް ހުކުމެއް ސާބިތުވެފައި އޮތް މީހަކަށް ވެގެން ނުވުން ހިމެނެ އެވެ.
މިކަމަށް ޝަރުތު ހަމަވާ މީހުން އަންނަ ހޯމަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އިސްލާމިކް މިނިސްޓްރީ އަށް އެޕްލިކޭޝަން ހުށަހެޅުމަށް އިޢްލާނުގައި ވަނީ އެދިފަ އެވެ.
ރާއްޖޭގައި ތިބި ބަންގްލަދޭޝް މީހުންގެ ރަސްމީ އަދަދަކީ 90،000 ކަމަށް ހޯމް މިނިސްޓްރީން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ބުނެފަ އެވެ.






