މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑަށް ކުރިމަތިލުމަށްމަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އިން ހުޅުވާލައިފިއެވެ.
އެ ވުޒާރާ އިން ކުރި އިޢްލާނެއްގައި ބުނެފައިވަނީއެކި ވިޔަފާރިކުރާ ތަންތަނާއި އެ ނޫން ވެސް މަސައްކަތްކުރާ ތަންތަނުގައި މުވައްޒަފުން މަސައްކަތްކުރަމުންދާ ގޮތް ބަލައި ދެނެގަތުމަށާއި އެ ތަންތަނުގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަކޮށް ދެވޭ އުޖޫރައާ ގުޅޭ ގޮތުން ލަފާ ދިނުމަށް ބޯޑު އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި ވަޒީފާއާ ބެހޭ ޤާނޫނުގެ ދަށުން އުފައްދާފައިވާ މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު އަލުން އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގެ މަސައްކަތް އެވުޒާރާއިން ކުރަމުން އަންނަ ކަމަށްވެސް އެ އިޢުލާނުގައިވެއެވެ.
މީގެ އިތުރުން އެބޯޑުގައި ބައިވެރިވާން އެދޭ މީހުން އެ ވުޒާާރާގައި ނަން ނޯޓުކުރުމަށް މިހާރު ހުޅުވާލާފައިވާ ކަމަށް ވެސް އެވުޒާރާއިން ބުނެއެވެ.
އެ އިޢްލާނުގައި ވަނީ ފަސް ދާއިރާއެއްގެ ޖަމިއްޔާއަކުން ވަޒީފާ އަދާކުރާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފައެވެ. އެ ދާއިރާތަކަކީ ޓޫރިޒަމް ދާއިރާ ތަމްސީލް ކުރާ ޖަމިއްޔާތަކާއި ކޮންސްޓްރަކްޝަން ދާއިރާގެ ޖަމިއްޔާތަކާއި އަންހެން ވިޔަފާރިވެރިންގެ ދާއިރާގެ ޖަމިއްޔާތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާގެ ޖަމިއްޔާތަކާއި ވަޒީފާ އަދާކުރާ މީހުން ނުވަތަ މަސައްކަތްތެރިން ތަމްސީލް ކުރާ ޖަމިއްޔާތަކެވެ.
އެ ދާއިރާއަކުން މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގައި ހިމެނެން ބޭނުންވާ މީހުން މި މަހުގެ 25 ވަނަ ދުވަހުގެ ރޭގަނޑު 12:00 ގެ ކުރިން އެކަމަށް އެދި ހުށަހެޅުމަށް އެދިފައިވެއެވެ.
ވަޒީފާއާ ބެހޭ ޤާނޫނުގައިވާ ގޮތުން، މިނިމަމް ވޭޖް ކަނޑައަޅަން ޖެހޭނީ ވޭޖް ބޯޑުން ދޭ ލަފާގެ މަތިން އިކޮނޮމިކް މިނިސްޓަރެވެ.






