ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުން ވައްކަންކުރާ މައްސަލަ ކަމާއިބެހެ ފަރާތްތަކަަށް ހުށައަޅައިފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެކުންފުނީގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި، އެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާކަން ފާހަގަ ކުރެވި އެކަން ވަނީ ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅައިފައިވާ ކަމަށެވެ.
އަދި ކުރީރޭ ފަތިހާއި ރޭ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވީ ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމާއި ގުޅިގެން ކަމަށެވެ.
މިއީ މިކަން ކުރާ ފަރާތްތަކަށްވެސް ބޮޑު ނުރައްކަލަކަށް ވާއިރު، މިއީ ކަރަންޓުގެ އަސާސީ ޚިދުމަތް 24 ގަޑިއިރު މެދުނުކެނޑި ދޭން މި ކުންފުނިން ކުރަމުންގެންދާ މަސައްކަތަށްވެސް އެޅޭ ހުރަހެއް ކަމަށެވެ.
“މިފަދަ ކަންކަން ކުރަމުންގެންދާ ފަރާތްތައް ހުއްޓުވައި އެފަރާތްތަކަށް ފިޔަވަޅު އަޅައިދީ، އަދި ވަގަށް ނަގައިގެން ވިއްކާ މިދަފަ ތަކެތި ގަންނަ ފަރާތްތަކަށްވެސް ފިޔަވަޅުއަޅައިދިނުމަށް ކަމާއި ބެހޭ ފަރާތްތަކަށް އިލްތިމާސް ކުރަން” ފަހުމީ ވިދާޅުވެފައިވެއެވެ.
https://twitter.com/u09HussainFahmy/status/1771214203111850443
މީގެއިތުރުން ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހަސަން އާދަމް މިސްކިތުގައި ތަރާވީސް ނަމާދު ކުރިއަށްދަނިކޮށް އެ މިސްކިތުން ކަރަންޓުގެ ޚިދުމަތް މިރޭ މެދުކެނޑިފައިވަނީ އެ މިސްކިތާ ކައިރީގައި ހުރި ޓްރާންސްފޯމަރުގެ ދޮރުތައް ހަލާކުކޮށްލައިގެން ބަޔަކު ވަދެ އޭގެ ބައިތައް ވަގަށް ނަގަން މަސައްކަތް ކުރުމުންކަމަށްވެސް ހުސެއިން ފަހުމީ ވިދާޅުވިއެވެ.






