ރަމަޟާންމަހުގެ ފަހުދިހައެއްގައި އޮފީސް ބަންދުވިޔަސް ޚާއްސަ ޙާލަތެއް މެދުވެރިވާވަގުތު އައިޑީ ކާޑް ހައްދައިދެވޭނެ ކަމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓޭޝަނުން ބުނެފިއެވެ.
ޑީއެންއާރުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ކުރިއަށް މިއޮތް ދުވަސްތަކުގައި ސަރުކާރު ބަންދުވިނަމަވެސް، އެމަޖެންސީ ހާލަތްތަކުގައި އައިޑީކާޑު ހައްދައިދިނުމުގެ ހިދުމަތް އެ ޑިޕާޓްމަންޓުން ލިބޭނޭ ކަމަށެވެ.
މިގޮތުން އެމަޖެންސީ ހާލަތުގައި އައިޑީކާޑް ހަދަން ބޭނުންނަމަ 7280368 އަށް ގުޅައިގެން ހިދުމަތް ހޯދުމަށް ޑީއެންއާރުން ވަނީ އެދިފައެވެ. ރޯދަމަހު ފަހު ދިހައެއްގައި ތިން ދުވަހު އައިޑީކާޑް ދޫކުރުމަށް ވަނީ ނިންމައިފައެވެ.
މިފަހަރުގެ ރަމަޟާންމަހު އައިޑީކާޑު ޔުނިޓުން ހިދުމަތް ދެމުން އައިސްފައިވަނީ ހެނދުނު 09:30 އިން ފެށިގެން 11:30 އަށެވެ.
ޑީއެންއާރުން އޮންލައިންކޮށް އައިޑީކާޑު ހިދުމަތަށް އެދުމުގެ މަގު ފަހިކޮށްދީފައިވާއިރު، މި ހިދުމަތް ބޭނުންކޮށްގެން ކޮންމެ ތަނެއްގައި ހުރެގެންވެސް އައިޑީކާޑު ހެއްދުމަށް ހުށައެޅެއެވެ.






