ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައިގެން އުފައްދަވާ ޕާޓީ ޕީޕަލްސް ނޭޝަނަލް ފްރޮންޓް(ޕީއެންއެފް) އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.
އެޕާޓީ އުފެއްދުމުގެ ހުއްދަ ދީފައިވަނީ ރައީސް ޔާމިންގެ ދޮށީ ދަރިކަލުން ޒެއިން ޢަބްދުﷲ ޔާމިން އަށެވެ. ޕީއެންއެފް އުފެއްދުމުގެ ހުއްދަ ދީފައިވަނީ މީގެ ހަތަރު މަސް ކުރިންނެވެ.
އަދި އެ ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވާން އީސީން މިއަދު ހުއްދަ ދިނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3000 މީހުންގެ ސޮއި ހުށަހަޅާފައިވާތީއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައި ވަނީ އެ ޕާޓީއަށް ސޮއިކުރި 3,000 މީހުންގެ ތެރެއިން މަދުވެގެން 300 މީހުން ބައިވެރިކޮށްގެން ޕާޓީ އުފެއްދުމުގެ ޖަލްސާ ބައްވަންޖެހޭނެ ކަމަށެވެ. އަދި އެ 300 މީހުންގެ ނަމާއި، އެޑްރެހާއި، އައިޑެންޓިޓީ ކާޑު ނަންބަރާއި، ފޯނު ނަންބަރާއި ސޮއި އޮތް ލިސްޓެއް ބައްދަލުވުމުގެ ޔައުމިއްޔާގައި ހިމަނަންވާނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނުނުގައި ބުނެފައިވެއެވެ.






