އއ ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކުދަކުއްޖަކަށް އެހެން ދެކުއްޖަކު ބުލީ ކުރި މައްސަލަ އެއް ފުލުހުން ބަލަން ފަށައިފިއެވެ.
ރޭގެ ވަގުތެއްގައި ސޯޝަލް މީޑިއާގައި ވަނީ ރަސްދޫ މިސްކިތެއްގެ ވުޟޫ ކުރާ ސަރަހައްދުގައި ކުޑަ ދެކުއްޖަކު ޝާމިލްވެ އެހެން ކުޑކަުއްޖަކަށް ބުލީ ކުރާ ވީޑިއޯއެއް އާންމުވެފައެވެ.
މިވީޑިއޯ އާންމުވުމާއި ގުޅުގެން ސޯޝަލް މީޑިއާގައި ޢާންމުންގެ އެތައް ބަޔަކު ދަނީ އެކަމާއި ދެކޮޅަށް އަޑުއުފުލައި ނުރުހުން ފާޅުކުރަމުންނެވެ. އަދި ކުޑަކުއްޖާއަށް ބުލީ ކުރި އަނެއް ދެކުދިންނަށް އެކަށީގެންވާ އަދަބު ދިނުމަށް ދަނީ ގޮވައިލަމުންނެވެ.
މިކަމާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމައްސަލައާއި ގުޅިގެން މިހަތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުން އެކަންތައް ހިނގައިފައިވަނީ އއ ރަސްދޫގައި ކަން ޔަޤީން ކުރެވިފައިވާ ކަމަށެވެ. އަދި މިމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށްވެސް ޝުޖާޢު ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅޭގޮތުން ދާޚިލީ ސަލަމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ވަޒީރު ވިދާޅުވެފައިވަނީ ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ދިވެހި ފުލުހުންގެ ޚިދްމަތުގެ ސަމާލުކަމަށް އައިސްފައިކަމަށެވެ.
މިހާތަނަށް ލިބިފައިވާ މަޢުލޫމާތުން މިކަން ކުރިކަމަށް ޔަޤީން ކުރެވެނީ އއ.ރަސްދޫ ގައި. ފުލުހުންދަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގޮތުގައި، ތަޙްގީގުކުރަމުން. https://t.co/4cqHIqMQQx
— Commissioner of Police, Maldives (@PoliceMvCP) April 5, 2024
އަދި މިކަން ކުރިފަރާތްތައް ހޯދައި އަވަހަށް ފިޔަވަޅުއެޅުމަށް ފުލުހުން ދަނީ މަސައްކަތްކުރަމުން ކަމަށާއި މިފަދަކަންކަން މުޖުތަމައުގައި ހިންގާފަރާތްތަކާއިމެދު އެޅެންއޮތް އެއްމެ ހަރުކަށި ފިޔަވަޅު އެޅިގެންދާކަން ޔަޤީންކުރައްވާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
“ކުޑަކުއްޖާއަށް އަނިޔާކުރިކަމަށް ތުހުމަތުކުރެވޭ 14 އަހަރުގެ ކުއްޖަކާއި 13 އަހަރުގެ ކުއްޖަކު ފުލުހުންގެ މަސައްކަތުންވަނީ ދެނެގަނެވިފައި. މިމައްސަލާގައި ޤާނޫނީގޮތުން ދެންކުރަން ޖެހޭކަންކަން ފުލުހުންދަނީ ކުރަމުން” ވަޒީރު އިހްސާން ވިދާޅުވެފައިވެއެވެ.
މިމައްސަލައާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ މިކުށުގައި ޝާމިލްވާ ކުދިިންނަށް އަދަބު ދިނުމަށް ގޮވައިލަމުންނެވެ.






