ތަރައްްޤީގެ މަޝްރޫޢުތައް ހުއްޓާލާ ކަމަށްބުނާ ވާހަކައަކީ ސަރުކާރުގެ ސިޔާސަތުތަކާއި ޚިލާފަށް ދައްކާ ވާހަކައެއް ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެންވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ރައީސް ދެއްވާ ޖަވާބުދެއްވުމުގެ ތެރެއިންނެވެ.
މިސުވާލަކީ މާލެ ސިޓީ، މމޚ ދަފްތަރު 12151، އާމިނަތު ނަޒީރާ ކުރެއްވި ސުވާލެކެވެ. އޭނާގެ ސުވާލަކީ ކުރިން ސަރުކާރުން ހިންގަމުން އައި މަޝްރޫއުތައް މި ސަރުކާރުން ހުއްޓާލިކަމަށް ވާދަވެރި ފަރާތްތަކުން ދައްކާ ވާހަކަތަކާއި ގުޅޭގޮތުން ކުރި ސުވާލެކެވެ.
މިސުވާލުގެ ޖަވާބު ދެއްވަމުން ރައީސް ޑރ މުޢިއްޒު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެމަނިކުފާނާއި ދެކޮޅަށް އެންމެ ބޮޑަށް ދޮގު ހަދަމުން ދަނީ މި ސަރުކާރުން މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށް ބުނެ ކަމަށާއި، ރިޔާސީ ކެމްޕޭނު ތެރޭގައި ވަޑައިގެންނެވި ހުރިހާ ރަށަކުން ކަހަލަ ގޮތަކަށް ފެނުނީ މަޝްރޫއުތައް ހުއްޓިފައި އޮތް ތަން ކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ޕާޓީގެ ފަަރާތްތަކަށް ފައިސާ ދިނުމުގެ ނިޔަތުގައި ކަމަށް ތުހުމަތުތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވެ ރައީސް ޑރ.މުއިއްޒު ވަނީ އެޑްވާންސް ޕޭމަންޓު ނަގާފައި ކުރިއަށް ނުގޮސް ހުރި ވަރަށް ގިނަ މަޝްރޫއުތައް ހުރި ކަން ފާހަގަކުރައްވާފައެވެ.
މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާއި ހަވާލުވީ ތަރައްޤީ ގެނެސްދިނުމަށް ކަމަށާއި ވައުދުވީ ހުރިހާ ރަށެއްގައި ހުރިހާ މަޝްރޫއުއެއް ހިންގުމަށް ކަމަށްވާއިރު، މަޝްރޫއުތައް ހުއްޓާލިކަމަށް ބުނެ ދައްކާ ވާހަކަ އަކީ ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް ދައްކާ ވާހަކަތަކެއް ކަމަށެވެ.






