މުސްލިމް ވޯލްޑް ލީގްގެ މަތީ މަޖިލީހަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އައްޔަނުކޮށްފިއެވެ.
މިކަމާއި ގުޅިގެން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނީ، މުސްލިމް ވޯލްޑް ލީގުގެ މަތީ މަޖިލީހަށް ޑރ ޝަހީމް ޢައްޔަންކުރެއްވީ ރާބިޠާގެ ސެކްރެޓަރީ ޖެނެރަލް ޑރ މުޙައްމަދު ބިން ޢަބްދުލްކަރީމުލްޢީސާ ކަމަށެވެ.
ރާބިޠާގެ އެންމެ މަތީ މަޖްލީހަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ އިލްމީ ޝަޚުޞިއްޔަތުތައް ހިމެނޭހެން އެކުލެވިގެންވާ ރާބިޠަތުލްޢާލަމިލްއިސްލާމީގެ އެންމެ މަތީ މަޖްލީހެވެ. ރާބިޠާއަކީ އިސްލާމީ ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ބައިނަލްއަޤުވާމީ ޖަމިއްޔާއެވެ. އެތަނުގެ ހެޑް އޮފީސް ހުންނަނީ މާތްވެގެންވާ މައްކާގައެވެ.
ރާބިޠާގެ އެންމެ މަތީ މަޖްލީހަށް ޝަހީމް އައްޔަނު ކުރެވިފައިވާއިރު، ޑރ ޝަހީމް ވަނީ އޯއައިސީގެ އިސް މަޤާމެއް ފުރުއްވައިފައިވެއެވެ. އަދި ޑރ ޝަހީމް އަކީ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމުންގެ ތެރޭގައި ވެެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.






