ފ.އަތޮޅުގެ ރައްޔިތުން ފަޚުރުވެރިވާފަދަ އަރބަން ސެންޓަރަކަށް ފ.ނިލަންދޫ ހަދައިދޭނެ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ފ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ނިލަންދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކިރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށް އެންމެ މުހިންމީ ދެމެހެއްޓެނިވި ތަރައްޤީ ހާސިލުވާގޮތަކަށް ކަންކަން ކުރުންކަމުގައެވެ. އެގޮތުން މި ސަރުކާރުގެ ތަރައްޤީގެ މާސްޓަރ ޕްލޭންއާ އެއްގޮތަށް 7 އަރބަން ސެންޓަރު ޤާއިމުކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސެންޓަރުތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ މަތީ ފެންވަރުގައި ހުރިހާ ދާއިރާތަކުން ޚިދުމަތްތައް ދެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ މުޢިއްޒު ވަނީ މި ސަރުކާރުން ޚާއްޞަގޮތެއްގައި ނިލަންދޫގެ ތަރައްޤީއަށްޓަކައި ކުރުމަށް ރާވާފައިވާ ކަންކަން ރައްޔިތުންނާ ވަރަށް ތަފްޞީލީ ގޮތެއްގައި ޙިއްޞާކުރައްވާފައެވެ. އެގޮތުން ނިލަންދޫގެ އެއާޕޯޓް ތަރައްޤީކުރުމަށްޓަކައި ބިންހިއްކުމުގެ މަޝްރޫޢު ފެށިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި 2 ރިސޯޓެއް ތަރައްޤީކުރައްވާނެކަމަށާއި، ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް ރާވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ފަރާތުން އެދިލެއްވި ކަންކަމުގެ އިތުރުންވެސް ނިލަންދޫ ތަރައްޤީކުރުމަށް މަސައްކަތްކުރައްވާނެކަމުގައެވެ.
"އަޅުގަނޑަށް މުހިންމީ ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކަމާއެކު ޚިދުމަތް ދޭން" ރައީސް މުއިއްޒު ވިދާޅުވިއެވެ.
އަދި އެމަނިކުފާނު ވަނީ މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
އަދި ހަޤީޤީ މާނާގައި، އިޚްލާސްތެރިކަމާއެކީގައި، މި ޤައުމަށް ހަމަޖެހުން ގެންނަން މި ސަރުކާރުން ކުރަމުންދާ މަސައްކަތްޕުޅުތަކަށްވެސް އެމަނިކުފާނު މި ބައްދަލުވުމުގައި އަލިއަޅުވާލެއްވިއެވެ.
ހަމަ އެއާއެކު އެމަނިކުފާނަށް މުހިންމީ 'ބާރު ސްޕީޑު' ގައި ތަރައްޤީ ގެންނަންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެކަން ކުރުމަށް ރައްޔިތުންގެ އެއްބާރުލުން ލިބޭނަމަ އަވަހަށް ތަރައްޤީ ގެނައުމަށް ފުރުޞަތު ފަހިވެގެން ދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.






