މަކަރާއި ހީލަތުން، ވެހިކަލް ގެނެސްދޭނެ ކަމަށްބުނެ އިތުރުމީހެއްގެ އަތުން ފައިސާނަގަފައިވޭތީ ބަލަން ފުލުހުން އިޢްލާނުކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުޤީޤު ކުރަމުންދާ، ވެހިކަލް ގެނެސްދޭނެކަމަށްބުނެ މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދާފައިވާ މެގަޓްރޯން މޮޓޯރސް މޯލްޑިވްސް ވޭވް އިންޓަރނޭޝަނަލް އަށް ތުހުމަތުކުރެވޭ މައްސަލާގައި އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވޭތޯ ބަލަން ބޭނުންވާކަމަށެވެ.
އެކުންފުންޏަށް ވެހިކަލް ގެނައުމުގެ ގޮތުން ފައިސާ ދައްކަވާފައިވާ ފަރާތެއް ވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ރައްޔިތުން ނަށް ފުލުހުން ވަނީ ޝުކުރު ދަންނަވައިފައެވެ.






